ބަދަލުތަކާއެކު، ފޭދޫ ފުޓްބޯޅަ ދަނޑު ހެދުމުގެ މަސައްކަތް ފަށައިފި

ބަދަލުތަކާއެކު، ސ. ފޭދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ގާއިމްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްޓީސީސީއިން ވިދާޅުވީ، ޔޫތު މިނިސްޓްރީގެ އެދުމަށް ފޭދޫ ދަނޑު ކުރިން އޮންނަ މިސްރާބު ބަދަލުކޮށްލުމަށްފަހު އެދަނޑުގެ ސަބްބޭސް ގާއިމްކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. އެގޮތުން މިމަސައްކަތުގެ ތެރޭގައި އެސަރަޙައްދުގައިވާ ޗަކަތަށް ނެގުމާއި، އާ ފަށް އަޅައި އެސަރަޙައްދު ލެވެލް ކުރުމުގެ މަސައްކަތްވެސް ހިމެނޭކަމަށް އެމްޓީސީސީއިން ވިދާޅުވިއެވެ.

އަދި ދަނޑުގެ ބިން އެއްވަރުކުރުމަށްފަހު، ދަނޑުގެ ފެން ހިންދުމުގެ ނިޒާމާއި، ދަނޑު ވަށައިގެން ޕޭމަންޓް ގާތަށް އެޅުންވެސް މިމަސައްކަތުގައި ހިމެނޭކަމަށް އެފަރާތުންވަނީ ވިދާޅުވެފައެވެ.

ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ގާއިމްކުރުމުގެ މަސައްކަތަކީ ދަނޑުގައި ވިނަ އިންދުމަށްޓަކައި އެތަނުގައި ކުރަންޖެހޭ މަސައްކަތް ނުވަތަ ވިނަ އިންދުމަށް ބިންގަނޑު ތައްޔާރުކުރުމެވެ.

އަދި މިމަސައްކަތް 2020 ޖުލައި 31 އަށް ނިންމާލެވޭނެކަމަށް ލަފާކުރެވޭކަމަށްވެސް އެމްޓީސީސީއިން ވިދާޅުވިއެވެ.

މިއީ ގާތްގަނޑަކަށް 2.65 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެވެ. މިމަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރު ފަހުކޮޅުގައެވެ.

މިހާރުގެ ސަރުކާރުގެ ތަރައްޤީގައި ޒުވާނުންނަށް ޚާއްސަ އިސްކަމެއްދީފައިވާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑު ފުޓްބޯޅަ ދަނޑުތައް ޤާއިމުކުރުމަށް ރައީސް ޞާލިޙު ވެވަޑައިގެންފައިވާ ވަޢުދުފުޅެކެވެ. އެގޮތުން މިދިޔަ އަހަރު ތެރޭގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ގިނަ ދަނޑުތަކެއްގެ މަސައްކަތް ފަށާފައިވާކަން ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ