1999 އަހަރު ނުކުތް ސައިންސް ފިކްޝަން އެކްޝަން ފިލްމް “ދަ މެޓްރިކްސް” ސިލްސިލާގެ 4 ވަނަ ބައި ރިލީޒްކުރުން 2022 ވަނަ އަހަރުގެ އޭޕްރިލް މަހަށް ލަސްކޮށްފިއެވެ.
މީގެ ކުރިން މި ފިލްމް ރިލީޒްކުރުމަށް ތާވަލްކޮށްފައި އޮތީ، އަންނަ އަހަރުގެ މެއި 21 ގައެވެ. ބެލެވޭ ގޮތުގައި މި ފިލްމް ރިލީޒްކުރުން ފަސްކޮށްފައި މިވަނީ، ކޮވިޑް-19 ގެ ޕެންޑެމިކް އާއި ގުޅިގެންނެވެ. ކޮވިޑް-19 އާއި ގުޅިގެން ފިލްމް އިންޑަސްޓްރީގެ ހުރިހާ މަސައްކަތެއް ކަހަލަ ގޮތަށް އޮތީ މިވަގުތު ހުއްޓިފައެވެ. އެހެންނަމަވެސް، މިހާރު ފިލްމްތަކުގެ މަސައްކަތް އަލުން ފެށުމަށް ފިލްމް ހަދާ ފަރާތްތައް އަންނަނީ ތައްޔާރުވަމުންނެވެ.
16 އަހަރު ފަހުން މެޓްރިކްސް ސިލްސިލާގެ 4 ވަނަ ބައި ގެނެސްދިނުމުގެ މަސައްކަތް ފަށާފައިވާއިރު، މިހާތަނަށް މި ސިލްސިލާގެ 3 ފިލްމެއް ނުކުމެފައިވެއެވެ. އެއީ 1999 ވަނަ އަހަރު ނުކުތް “ދަ މެޓްރިކްސް”، 2003 ވަނަ އަހަރު ރިލީޒްކުރި “ދަ މެޓްރިކްސް ރީލޯޑެޑް” އަދި “ދަ މެޓްރިކްސް ރިވޮލިޔުޝަންސް”އެވެ.
“މެޓްރިކްސް 4″ގެވެސް ވާހަކަ ލިޔެ އަދި ޑައިރެކްޓްކުރާނީ މިފަހަރުވެސް ކުރީގެ ފިލްމްތައް ޑައިރެކްޓްކޮށްފައިވާ ފިލްމްގެ ޑައިރެކްޓަރ “ލާނާ ވަޗައުސްކީ”އެވެ.
ފިލްމް ލީޑުން “ކިއާނު ރީވްސް” އަދި “ކެރީ-އެނެ މޮސް” ފިލްމްގައި ކުރިން ފެނިގެންދިޔަ “ނިއޯ” އަދި ޓްރިނިޓީ”ގެ ރޯލުން ފެނިގެންދާއިރު، ފިލްމްގެ އާ ކާސްޓުގެގޮތުގައި، “ހައު އައި މެޓް ޔުއާ މަދާ” ސީރީޒް ގައި “ބާނީ” ގެ ރޯލު ކުޅެގެން މަޝްހޫރުވި އެކްޓަރު ނީލް ޕެޓްރިކް ހެރިސް ވެސް ފެނިގެންދާނެއެވެ.



