ސައުދީ އަރަބިއްޔާގެ ފަތުރުވެރިކަން ޖުލައި 21 ވާ އާދިއްތަ ދުވަހު އަލުން ފެށުމަށް އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
ސައުދީގެ ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަލްޚަތީބު އާއި ހަވާލާ ދެއްވައި ސައުދީގެ ބައެއް ނޫސް ތަކުގައި ބުނެފައިވަނީ 3 މަސް ދުވަހުގެ ލޮކްޑައުން އަކަށްފަހު އެގައުމުގެ ފަތުރުވެރިކަން ޝައްވާލު މަހުގެ ފަހު ދުވަހު އަލުން ފެށުމަށް ނިންމާފައި ވާކަމަށެވެ. އެގައުމުގެ ޓޫރިޒަމް މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ އަރަބި ގައުމުތަކުގެ ފަތުރުވެރިކަމާއި ބެހޭ ކައުންސިލް "އަރަބި މިނިސްޓީރިއަލް ކައުންސިލް ފޯރ ޓޫރިޒަމް" ގެ ބައްދަލުވުމަކަށްފަހު މިދިޔަ ބުދަ ދުވަހު އެގައުމުގެ މީޑިއާތަކަށް ދެއްވި އިންޓަރވިއު އެއްގައެވެ.
"ބައެއް ގައުމު ތަކުން މިހާރުވެސް ޓޫރިޒަމް ވަނީ ފަށާފައި. ސައުދީންވެސް މައްކާ ފިޔަވައި އެހެން ސިޓީ ތައް ޝައްވާލު މަސް ނިމޭ ދުވަހު ހުޅުވާލާނެ. ސަމަރ ޕްރޮގްރާމް ފެށުމަށް މިގައުމުވެސް ވަނީ ތައްޔާރުވެފައި. އަޅުގަނޑުމެން ދިރާސާ ކޮށްފިން. 80 އިންސައްތަ ރައްޔިތުން ބޭނުންވަނީ އިންޓަރނޭޝަނަލް ޓޫރިޒަމްގެ ބަދަލުގައި ޑޮމެސްޓިކް ޓޫރިޒަމް ފަށަން" ސައުދީ އަރަބިއްޔާގެ ޓޫރިޒަމް މިނިސްޓަރ އެގައުމުގެ މީޑިއާތަކަށް ދެއްވި އިންޓަރވިއުގައި ވިދާޅުވިއެވެ.
އަގައުމުގައި ދިރިއުޅޭ ފަރާތްތަކަށް އަމާޒުކޮށްގެން ފަށާ ޓޫރިޒަމް ހަރަކާތާއި ގުޅޭ އިތުރު މަޢުލޫމާތު އެގައުމުގެ ހެލްތު މިނިސްޓްރީން ހުއްދަ ދެއްވުމުން އާންމު ކުރައްވާނެ ކަމަށް ސައުދީގެ ޓޫރިޒަމް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ސައުދީ ސަރުކާރުން ވަނީ އެގައުމުގެ އަމިއްލަ ވިޔަފާރި ތަކަށް އެހީވުމަށާއި ޕްރައިވެޓް ސެކްޓަރގެ ވަޒީފާތައް ސަލާމަތް ކުރުމަށް 61 ބިލިއަން ޑޮލަރުގެ ސްޓިމިއުލަސް ޕެކޭޖެއް ތައާރަފް ކޮށްފައެވެ.




