މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާވެސް އިދިކޮޅުން ބޮއިކޮޓް ކޮށްފިއެވެ.
ޕޮރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕުން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކުރުމަށް ނިންމާފައިވަނީ އެކޯލިޝަންގެ މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުގައި ސަލާމަތާއި ރައްކާތެރިކަން އަދިވެސް ކަށަވަރުވެފައި ނުވާތީކަމަށެވެ.
އެގޮތުން އެ ކޯލިޝަނުން ވިދާޅުވެފައިވަނީ މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލީހުގެ ޖަލްސާވެސް އެ ކޯލިޝަންގެ ޕާލިމެންޓްރީ ގްރޫޕުން ބޮއިކޮޓް ކުރުމަށް ނިންމާފއިވާކަމަށެވެ.
އިދިކޮޅު ކޯލިޝަނުން މަޖިލީހުގެ ޖަލްސާތައް ކޮއިކޮޓް ކުރަން ފަށާފައި މިވަނީ ޤާނޫނު އަސާސީ އިސްލާހުކުރުމަށް ބޭއްވި ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް މަޖިލީހުން ނެރުނު މައްސަލައާއި ގުޅިގެންނެވެ. އެޖަލްސާގައި ރިޔާސަތުން ޝިޔާމްގެ ނަން އިއްވުމާއި ގުޅިގެން އެ ބޭފުޅާގެ ނަން އިއްވާފައިވަނީ ޤަވާއިދާއި ޚިލާފަށްކަމަށްބުނެ ޝިޔާމް ވަނީ މަޖިލީހުން ނިކުތުމަށް ދެކޮޅު ހަދާފައިއެވެ.
ޝިޔާމް މަޖިލީހުން ނުކުތުމަށް ދެކޮޅޫ ހެދުމާއި ގުޅިގެން އެމްޑީޕީއަށް ނިސބަތްވާ މެންބަރުންތަކެއް ވަނީ ގަދަކަމުން ޝިޔާމް މަޖިލީހުން ނެރެފައެވެ. ޝިޔާމް މަޖިލީހުން ނެރުމުގައި އަމަލު ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދާއި ކަނޑައެޅިގެން ޚިލާފަށް ކަމަށްބުނެ ޝިޔާމް ވަނީ އެކަން ބަލައިދިނުމަށް ހުށައަޅާފައެވެ.
އަދި މަޖިލީހުން ނެރުމުގައި އެ ބޭފުޅާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމަށްވެސް ޝިޔާމް ވަނީ ވިދާޅުވެފައެވެ.




