މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ ފައިސާ ލިބުނު ފަސްފުލުހެއްގެ މައްސަލަ ފުލުހުންގެ އިދާރާއިން ބަލަން ފަށައިފިއެވެ.
ފުލުހުންގެ އިދާރާއިން މިރޭ ވިދާޅުވީ، އެމްއެމްޕީއާރުސީ މައްސަލައާއި ގުޅޭގޮތުން ހިނގަމުންދާ ތަހުގީގުގައި އެމްއެމްޕީއާރުސީގެ ފައިސާ ލިބިފައިވާ ކަމަށް ފާހަގަވެފައިވާ ފުލުހުންގެ ވަޒީފާގައި މިވަގުތު ތިބި ފަސްމުވައްޒަފެއްގެ ޖިނާއީ އަދި އިދާރީ ތަހުގީގެއް ހިނގަމުންދާ ކަމަށެވެ. އަދި މި ތަހުގީގާއި ގުޅިގެން ފަސްމުވައްޒަފުން މިވަގުތު ތިބީ މަގާމުގެ މައްސޫލިއްޔަތުން ދުރުކުރެވިފައި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުންގެ ވަޒީފާގައި މިވަގުތު ތިބި ބަޔެއްގެ ކޮރަޕްޝަނުގެ މައްސަލަ އެ އިދާރާއިން ބަލަން ފަށައިފައިވާކަން ހާމަކޮށްފައި މިވަނީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުން މަންފާ ލިބުނު މީހުންގެ ތެރޭގައި ދައުލަތުގެ މަތީ މަގާމްތަކުގައި ކުރިން އަދި މިހާރު ތިއްބެވި ބޭފުޅުންނާއި އެ ނޫން ވެސް ނުފޫޒާއި ބާރުގަދަ ފަރާތްތަކެއް ހިމެނުނަސް ތަހުގީގުގައި ވަކި ބައެއްގެ މައްސަލަ ދޫކޮށް ނުލާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެފައި ވަނިކޮށެވެ.
މީގެއިތުރުން، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް މީގެކުރިންވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ބައިވެރިން ކަމަށް ތުހުމަތު ކުރެވޭ ފުލުހުންތަކެއް މަގާމުތަކުގައި އެބަތިބި ކަމަށާއި އެ މައްސަލަ ރަނގަޅަށް ތަހުގީގު ކުރެވޭނީ އެ ފުލުހުން ސަސްޕެންޑް ކޮށްގެން ކަމަށް ވިދާޅުވެފައެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބަލަމުން އަންނަނީ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި އެސެޓް ރިކަވަރީ ކޮމިޝަނުންނެވެ. މި މުއައްސަސާތަކުން ވަނީ، ހިޔާނާތުން މަންފާ ލިބުނު ކަމަށް ބެލެވޭ މީހުންގެ ލިސްޓެއް އެކުލަވާލައިފަ އެވެ.



