ވެހިރައްޔިތެއްކަން އަންގައިދޭ ކާޑެއް - ފޮޓޯ: ދަ އެޑީޝަން

މުއްދަތު ހަމަވިޔަސް ޖުލައިމަހުގެ ނިޔަލަށް އައިޑީކާޑުން ޚިދުމަތް ހޯދޭނެ

މުއްދަތު ހަމަވެފައިވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑަށް އަންނަ ޖުލައި މަހުގެ ނިޔަލަށް ޚިދުމަތް ހޯދޭނެކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން ވިދާޅުވެއްޖެއެވެ.

ޑީއެންއާރު އިން މިއަދު ކޮށްފައިވާ އިޢުލާނެއްގައި ވިދާޅުވެފައިވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރެވޭތޯ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިޔަށް ދާތީ އެޑިޕާޓްމަންޓްގެ ނަންބަރ 04 އޭޕްރީލު 2020 ގައި ކޮށްފައިވާ އިޢުލާނަށް އަމަލުކުރުމުގެ މުއްދަތު 31 ޖުލައި 2020 ވަނަ ދުވަހަށް އިތުރުކޮށްފައިވާކަމަށެވެ.

އެގޮތުން އޭޕްރީލް04 ވަނަ ދުވަހު ޑިއެންއާރު އިން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައިވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅުވަމުން ގެންދަވާ މި ދަނޑިވަޅުގައި އައިޑީކާޑު ހެދުމުގެ ޚިދުމަތް މެދު ކަނޑާލެވިފައިވާކަމަށެވެ. އަދި އައިޑީކާޑު ނެތުމުން، އައިޑީކާޑު މެދުވެރިކޮށް ދެވޭ އެކިއެކި ޚިދުމަތްތައް ނުލިބުމުގެ ޝަކުވާ އެފަރާތަށް ލިބިފައިވާކަމަށެވެ.

އެހެން ކަމުން ޑީއެންއާރު އިން ވިދާޅުވެފައިވަނީ އަލަށް އުފަންވާ ކުއްޖެއް ނަމަ ނުވަތަ އައިޑީކާޑު ގެއްލިފައިވާނަމަ ނުވަތަ މުއްދަތު ހަމަވެފައިވާނަމަ، އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް، ޑްރައިވިންގް ލައިސަންސް ނުވަތަ 2020 ޖެނުއަރީ 1 ވަނަ ދުވަހުގެ ފަހުން މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ނަންބަރަށް ބައްލަވައި ޚިދުމަތް ފޯރުކޮށްދޭންވާނެކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އަޅާފައިވާ ގިނަ ފިޔަވަޅުތަކަކަށް މިހާރު ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ