ޕަޕުއާ ނިއުގިނީއަށް އައި ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރުދީފި

ޕަޕުއާ ނިއުގިނީއަށް މިއަދު ހަވީރު އައި ބިންހެލުމާ ގުޅިގެން ބައެއް ޤައުމުތަކަށް ސުނާމީގެ އިންޒާރުދީފިއެވެ.

ރާއްޖެގަޑިން މިއަދު ހަވީރު 05:58 ގައި، މާލެއާ 8768 ކިލޯމީޓަރ ދުރަށް, ޕަޕުއާ ނިއުގިނީއަށް މި ބިންހެލުން އައިސްފައިވަނީ 10 ކިލޯމީޓަރު އަޑިއަށެވެ.

ރެކްޓަރ މިންގަނޑުން 7.5 މެގްނެޓިއުޑްގެ ބާރުމިނުގައި އައި މި ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރު ދީފައިވަނީ، ބިންހެލުން އައި ސަރަހައްދުގެ ވަށައިގެން 1000 ކިލޯމީޓަރު ސަރަހައްދުގައި ހިމެނޭ ޤައުމުތަކަށެވެ.

ޕެސިފިކް ސުނާމީ ވަރނިންގ ސެންޓަރުން ވިދާޅުވީ، މިއަދު އައި ބިންހެލުމާ ގުޅިގެން ސްނާމީ އަރާފާނެކަމަށް ބެލެވެނީ، ބިންހެލުން އައި ސަރަހައްދުގެ ވަށައިގެންވާ 1000 ކިލޯމީޓަރުގެ ސަރަހައްދަށް ކަމަށާއި، އަދި ނުރައްކާތެރި ސުނާމީއެއްގެ ރާޅުތައް ޕަޕުއާ ނިއުގިނީއާއި ސޮލަމަން އައިލެންޑްސްގެ ރަށްތަކަށް ފޯރަފާނެކަމަށް ބެލެވޭ ކަމަށެވެ.

މި ބިންހެލުން އައިތާ ގިނައިރެއް ނުވަނީސް، ދާދި ދެންމެއަކު ހަމަ އެ ސަރަޙައްދަށް ރެކްޓަރ މިންގަނޑުން 5.0 ގެ ބާރުމިނުގައި ލޮޅުންތަކެއް އައިސްފައިވާ ކަމަށް ބިންހެލުންތައް މޮނިޓާކުރާ އިދާރާތަކުން ބުނެފައިވާއިރު، ވޭތުވެދިޔަ ހަފްތާގެ ތެރޭގައިވެސް އެޤައުމަށް 7.2 މެގްނެޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އައިސްފައިވެއެވެ.

ޕަޕުއާ ނިއުގިނީއަށް އައި މި ބިންހެލުމާއި ގުޅިގެން އެޤައުމަށް ލިބުނު ގެއްލުންތައް ބައިނަލްއަޤްވާމީ ނޫސްތަކުގައި ރިޕޯޓުކޮށްފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް