ރައީސް މުޙައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތުގައި | ފޮޓޯ: މަޖިިލިސް

މަޖިލީހަށް އެޗްޗްޕީއޭއިން ލަފާ އަރުވާފައިވަނީ ގައިދުރުކޮށް ނަމާދު ކުރުމަށް

މަޖިލީހަށް އެޗްޗްޕީއޭއިން ލަފާއަރުވާފައިވަނީ ގައިދުރުކޮށް ނަމާދު ކުރުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނަވައި ރައީސް ނަޝީދު ވިދާޅުވީ މިއަދުން ފެށިގެން ޖަމާޢަތުގައި ނަމާދު ކުރަން ފެށިފައިވާ ކަމަށާއި އޮތް ގޮތަކީ ގައި ދުރުކޮށް ޖަމާޢަތުގައި ނަމާދު ކުރުން ކަމަށެވެ.

"ހަމަ ގައިމުވެސް މި މަޖިލީހުގެ ނަމާދުގެ ބޭނުން ކުރާނެގޮތް، ޕަބްލިކް ހެލްތު އޮތޯރިޓީން ވިދާޅުވެފައިވާ ގޮތުގައި، ގައިދުރުކޮށް ނަމާދު ކުރުމަށް ވިދާޅުވެފައި ވަނީ" ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެތައް ދުވަހަކު ޖަމާޢަތުގައި ނަމާދު ކުރުމުގެ ފުރުޞަތު ގެއްލިފާ އޮތުމަށްފަހު، އަލުން އަނބުރާ މިސްކިތްތައް ހުޅުވި، މިސްކިތްތަކަށް ދިއުމަށް ހިތްވަރު ލިބޭ ކަމާއި އެންމެނަށްވެސް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވަނީ، އައު އާންމު ހާލަތުގައި ދޭން ފަށާފައިވާ ލުއިތަކުގެ ދަށުން ޖުލައި އެކަކުން ފެށިގެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރެވޭނެ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން މާލެ ސިޓީގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މަނާ ކުރީ މިއަހަރުގެ އޭޕްރީލް މަހުގެ 15 އިން ފެށިގެންނެވެ. އަދި މި މަހުގެ 14 ވަނަ ދުވަހު ވަނީ މާލެ ސިޓީގެ މިސްކިތްތަކުގައި ނަމާދު ކުރުން މަނާކޮށްފައި އޮތް އޮތުން ބަދަލުކޮށް، ޖަމާއަތް ހެދުމަކާއި ނުލައި ނަމާދު ކުރެވޭ ގޮތަށް މާލެ ސަރަޙައްދު މިސްކިތްތަކަށް ގޮސް ނަމާދު ކުރުމުގެ ހުއްދަ ދީފައެވެ. އޭރުގައި ވެސް ޖަމާއަތުގައި ނަމާދުކުރުން އޮތީ މަނާކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ