ދިވެހި ސަރުކާރާއި ސައުދީ ސަރުކާރާއި ދެމެދު ގެދޮރުވެރިކަމުގެ މަޝްރޫޢޫއާއި، މަސްވެރިކަމުގެ ސިނާޢަތު ތަރައްޤީކުރުމު މަސައްކަތަށް 771 މިލިއަން ރުފިޔާގެ އެހީ ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއި ކޮށްފިއެވެ.
ސަރުކާރުން ހިންގާ ގެދޮރުވެރިކަމުގެ މަޝްރޫޢޫއާއި، މަސްވެރިކަމުގެ ސިނާޢަތު ތަރައްޤީކުރުމު މަސައްކަތަށް 771 މިލިއަން ރުފިޔާގެ އެހީ ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުން ދިނުމާ ބެހޭ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދެވެ.
މި ދެ މަޝްރޫޢާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މިކަމަށްޓަކައި މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ މި އެއްބަސްވުން ތަކާއެކު ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.
ސަޢޫދީއިން މި އެހީތެރިކަން ފޯރުކޮށްދީފައި މިވަނީ ކޮވިޑް-19 އާ ގުޅިގެން އިޤްތިޞާދަށް ދިމާވި ހީނަރުކަމާއެކު، ބޭރުގެ މާލީ އެހީތެރިކަމަށް ދިވެހިރާއްޖެއިން ބޭނުންވެފައިވާ ދަނޑިވަޅެއްގައި ކަމަށާއި މިއެހީއާއެކު މަސްވެރިކަމުގެ ސިނާޢަތު ކުރިއަރުވައި، އަތްފޯރާ އަގެއްގައި ދިވެހިންނަށް ބޯހިޔާވަހިކަން ހޯދުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް އަންނާނެކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ ދަށުން ބޯހިޔާވަހިކަމުގެ މަޝްރޫޢަށް 25 މިލިއަން ޑޮލަރު އަދި މަސްވެރިކަން ތަރައްޤީކުރުމަށް 25 މިލިއަން ޑޮލަރު ހަމަޖެހިގެން ދާނެއެވެ.
Glad to sign USD 50million Agreements on Affordable Housing & Fisheries Sector Development btw #Maldives & #SFD. Sincere thanks to govt. of #SaudiArabia for this new step, that will forge even stronger bilateral cooperation & strengthen existing ties @FaisalbinFarhan @KSAmofaEN pic.twitter.com/zQtiiPMZM5
— Abdulla Shahid (@abdulla_shahid) July 5, 2020
ސަޢޫދީ އަރަބިއްޔާއަކީ އަބަދުވެސް ރާއްޖޭގައި ހިންގަމުން އަންނަ އުމްރާނީ ބޮޑެތި މަޝްރޫޢުތަކަށް އެހީވާ ޤައުމެއް ކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމާއި، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަސައްކަތަކީ ސައުދީ ސަރުކާރުގެ އެހީތެރިކަމާއިއެކު ކޮށްފައިވާ މަސައްކަތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި ހިންގާ ސޯޝަލް ހައުސިންގ ޕްރޮޖެކްޓުން 2700 މީހުންނަށް ބޯހިޔާވަހިކަން ލިބިގެންދާނެކަމަށާއި، މަސްވެރިކަމުގެ ސިނާޢަތުގައި ހިންގާ މަޝްރޫޢުން މަސްވެރިކަމާ ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ 25000 ދިވެހިންނަށް އެކަމުގެ ސަބަބުން ފައިދާވެގެންދާނެކަމަށް މިނިސްޓަރ ޝާހިދު ވަނީ ވިދާޅުވެފައެވެ.
ސަޢޫދީއިން އަބަދުވެސް ރާއްޖެއަށް ފޯރުކޮށްދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ސަޢޫދީ ރަސްގެފާނު، ދެ ޙަރަމްގެ ޚާދިމް ސަލްމާން ބިން އަބްދުލްޢަޒީޒް އަލް ސަޢޫދާއި، ސަޢޫދީ ވަލީޢަޙުދު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްޢަޒީޒް އަލް ސަޢޫދަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙްއާއި ދިވެހި ސަރުކާރާ ރައްޔިތުންގެ ފަރާތުން ޚާއްސަ ޝުކުރެއް މިނިސްޓަރ ޝާހިދު ވަނީ އަދާކުރައްވާފަ އެވެ.



