އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގެ ޕޯޓުތަކަށް އެތެރެކުރާ ބައެއް ބާވަތުގެ މުދަލުގެ ޑިއުޓީއިން 50 ޕަސެންޓް ކުޑަކުރަން މަޖިލީހުން ފާސްކޮށްފިއެވެ. މި އިސްލާހު ފާސްވެފައިވަނީ 54 މެންބަރުންގެ ވޯޓާއެކުއެވެ.
އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ހުށަހެޅުއްވި އިސްލާހުތައް ދިރާސާ ކުރުމަށް އިއްޔެ ބޭއްވ،ި މުޅި މަޖިލީހުގެ ކޮމިޓީގައި ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވީ އައްޑޫ އަދި ކުޅުދުއްފުށީގެ ޕޯޓުތަކުން އެތެރެކުރާ މުދަލުން 50 ޕަސެންޓް ޑިއުޓީ ކަނޑާލާ ގޮތަށް ބިލު އިސްލާހު ކުރާށެވެ. 50 ޕަސެންޓް ކަނޑާލަން ގިނަ ޗެޕްޓާތަކެއް މުހައްމަދު ރަޝީދު ހުށަހެޅުއްވާފައިވެއެވެ.
50 ޕަސެންޓް ޑިއުޓީ ކަނޑާލާ ބައެއް މުހިންމު ޗެޕްޓާތައް ހިމަނާލާނަމެވެ.
ޗެޕްޓާ 22: މި ޗެޕްޓާގައި ހިމެނެނީ ބުއިމަށް ބޭނުންކުރާ ބާވަތްތަކުގެ ތައްޔާރީ ދިޔާއެއްޗިއްސާއި ރާހުތް ހިމެނޭ ތަކެއްޗެވެ. ބަނގުރަލާއި ބަނގުރާ އެކުލެވޭ އެހެނިހެން ބާވަތްތަށް، އެނާޖީ ޑްރިންކް އަދި ސޮފްޓް ޑްރިންކް މި ޗެޕްޓާގައި ހިމެނެ އެވެ.
ޗެޕްޓާ25: މި ޗެޕްޓާގައި ހިމެނޭ ތަކެތީގެ ތެރޭގައި އުވަޖެހުމަށާއި ސިމެންތި ޖެހުމަށް ބޭނުންކުރާ ބާވަތްތަކާއި، ލޮނާއި ސަލްފަރާއި ވެއްޔާއި ހިލަވެލި ހިމެނެއެވެ. މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުން 0 ޕަސެންޓް ޑިއުޓީ ނަގަން އިސްލާހު ހުށަހަޅާފައިވެއެވެ. އެހެންކަމުން މިތަކެތީގެ ޑިއުޓީއަށް ރާއްޖޭގެ ކޮންމެ ޕޯޓަކަށް އެތެރެކުރިއަސް ބަދަލެއް ނާންނާނެއެވެ.
ޗެޕްޓާ 33: މި ޗެޕްޓާގައި ހިމެނޭ ތަކެތީގެ ތެރޭގައި އެސެންޝިއަލް އޮއިލާއި ރެޒިނޮއިޑްސް އަދި މީރުވަސް ދުއްވުމަށާއި ރީތިވުމަށް އަދި ފެންވެރުމަށް ބޭނުން ކުރާ ސާމާނު ހިމެނެ އެވެ. އެތަކެއްޗަކީ މިހާރު ހުށަހަޅާފައިވާ އިސްލާހުގެ ދަށުން މި ތަކެތިން ދައްކަންޖެހޭނީ 20 ޕަސެންޓް ޑިއުޓީއެވެ.
ޗެޕްޓާ 63: މި ޗެޕްޓާގައި ހިމެނޭ ތަކެއްޗަށް ބަލާއިލާއިރު ބޭނުންކޮށްފައި ހުންނަ އަންނައުނު، ކުނޑި ފޮތި ފޮތިން ހަދާފައި ހުންނަ އެހެނިހެން އެއްޗެހި، ބޭނުންކޮށްފައި ހުންނަ ފޮއްޗާއި ބޭނުންކޮށްފައި ހުންނަ ކުނޑި ފޮއްޗާއި ފޮތިން ހަދާފައި ހުންނަ ބައެއް ތަކެތި ހިމެނެ އެވެ. މިތަކެތިން މިހާރު ދައްކަންޖެހެނީ 50 ޕަސެންޓް ޑިއުޓީއެވެ.
ޗެޕްޓާ 70: މި ޗެޕްޓާގައި ހިމެނެނީ ބިއްލޫރިން ތައްޔާރުކޮށްފައި ހުންނަ ތެކެތި އަދި ބިއްލޫރިއެވެ.
ޗެޕްޓާ 87: އެއްގަމުގައި ދުއްވާ އެއްޗެހި މި ޗެޕްޓަރުގައި ހިމެނެ އެވެ. މި ޗެޕްޓާގައި ހިމެނޭ ތަކެތިން މިހާރު 100 ޕަސެންޓަށްވުރެ މަތިން ޑިއުޓީ ނަގައެވެ. އައްޑޫ އަދި ކުޅުދުއްފުށީގެ ޕޯޓަށް މި ތަކެތި އެތެރެ ކުރުމުން 50 ޕަސެންޓް ޑިއުޓީ އުނިވެގެންދާނެއެވެ.
ޗެޕްޓާ 96: މި ޗެޕްޓާގައި ހިމެނެނީ އުފައްދާގައި ހުންނަ ތަފާތު ވައްތަރުގެ އެއްޗިއްސެވެ. އޭގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރަން ބޭނުންކުރާ ތަކެތި ހިމެނެ އެވެ. އެއީ މިހާރު 200 ޕަސެންޓް ޑިއުޓީ ނަގާ އެއްޗިއްސެވެ.
އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ގިނަ ބަދަލުތަކެއް ގެންނަން މިއަދު މުޅި މަޖިލީހުގެ ކޮމިޓީއިން ވަނީ ފާސްކޮށްފައެވެ. އެގޮތުން އިސްލާހުގައި ދަގަނޑާއި އެކަތަ ޝީޓު، ޕްލޭޓު އަދި އިމާރާތްކުރަން ބޭނުންކުރާ ދަނގަނޑުން ކުރިން ނަގަމުން އައި 5 ޕަސެންޓުގެ ޑިއުޓީ 0 ޕަސެންޓަށް ކަނޑާލަން ވަނީ ހުށަހަޅާފައިވާއިރު ދަގަނޑުގެ ބާވަތްތަކުގެ ތެރެއިން ދަގަނޑު ޓިނުން ނަގާ ޑިއުޓީ 10 ޕަސެންޓަށް ބޮޑުކުރަން ވަނީ ހުށަހަޅާފައެވެ.
ހަމައެހެންމެ، ސެރަމިކުން ހަދާފައި ހުންނަ ތަކެތީގެ ތެރެއިން ތަށިމުށިން ނަގާ ޑިއުޓީ 10 ޕަސެންޓުން ސުން ޕަސެންޓަށާއި ޓޭބަލްވެއާ އާއި ކިޗަންވެއާއިން ނަގާ ޑިއުޓީ 15 ޕަސެންޓުން ފަސް ޕަސެންޓަށް ކުޑަކުރަން ހުށަހަޅާފައިވެއެވެ. ހެލްމެޓާއި ބައިސްކަލާއި އޭގެ ބައިތަކުން ނަގާ އިމްޕޯޓު ޑިއުޓީ ކަނޑާލަންވެސް ވަނީ ފާސްކޮށްފައެވެ.