ފޮޓޯ: ޕޮލިސް ލައިފް

ތ. ގުރައިދޫ އަމާން ރަށަކަށް ހެދުމަށް މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފި

ތ. ގުރައިދުއަކީ ކުށްމަދު އަމާން ވެއްޓެއް ގާއިމުކުރުރެވިފައިވާ ރަށަކަށް ހެދުމަށްޓަކައި ގުރައިދޫ ޕޮލިސް ސްޓޭޝަނުން އެރަށު ކައުންސިލާއެކު މަޝްވަރާކުރައްވައިފިއެވެ.

ތ. އަތޮޅު ކޮމާންޑަރ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް ޝާކިރު މި ބައްދަލުވުމުގައި ވިދާޅުވެފައިވަނީ، ރަށުގައި ހިނގާ ކުށްތައް ދެނެގަނެ އެކަންކަން ހައްލުކުރުމަށް ދެ ފަރާތް ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާ ކުރަށްވާފައިވާކަމަށެވެ. އަދި ކުށްކުރަމުންދާ މިންވަރު މަދުކުރުމަށް މީގެކުރިން ކުރަމުންދާ މަސައްކަތްތަކާއި މިވަގުތު ކުށްމަދު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ގެންނަން ޖެހޭ ބަދަލެއް ގެނެސްގެންވެސް ކުށް މަދުކުރުމަށް މަސައްކަތްކުރައްވާނެ ކަމުގައި ބުނެފައިވެއެވެ.

މި ބައްދަލުވުމުުގައި ރަށުގެ ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ފުލުހުންނާއި ކައުންސިލް ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާކުރުމާށާއި، ރަށުގައި އުޅޭ ބިދޭސީންގެ ދަފްތަރެއް އެކުލަވާލުމަށާއި އަދި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ކަންކަން އިމިގްރޭޝަން މެދުވެރިކޮށް ހައްލުކުރުމަށް ދެ ފަރާތް ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރަށްވާފައިވެއެވެ. ހަމައެހެންމެ، ރަށުގެ ރައްޔިތުންނަށް ފައިދާކުރާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމާއި މަސްތުވާތަކެތީގެ މައްސަލަތަކަށް ހައްލު ހޯދުމަށްވެސް މަޝްވަރާކުރެއްވިއެވެ.

މިބައްދަލުވުމުގައި ކައުންސިލްގެ ނައިބު ރައީސް ތައުފީގު އަލީ އެދިލައްވާފައިވަނީ ކުޑަކުދިން ކުށުގެ ވެށިން ދުރުހެލިކުރުމަށް މަސައްކަތްކުރުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްދިނުމާއި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ކަންކަން ހައްލުކުރުމަށް މަސައްކަތް ކޮށްދިނުމަށެވެ.

އަދި ރަށުގެ ތަރައްގީއަށް ކުރާ މަސައްކަތް ތަކުގައި ފުލުހުން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި، މި މަސައްކަތްތައް ގުރައިދޫގެ ރައްޔިތުން ބަލައިގަންނަކަމަށެވެ. ރައްޔިތުންނާ ގުޅުން ހުރި ކަންކަމުގައި ފުލުހުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުނ ލިބޭކަން ފާހަގަކޮށް ޝުކުރު އަދާކުރަށްވައިފައިވެެއެވެ.

މި ބައްދަލުވުމުގައި ތ. އަތޮޅު ކޮމާންޑަރ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް ޝާކިރާއި ގުރައިދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖު ޕޮލިސް ސްޓާފް ސަރޖަންޓް މުހައްމަދު ރިފްޝާނުގެ އިތުރުން ކައުންސިލްގެ ނައިބު ރައީސް ތައުފީގް އަލީއާއި ކައުންސިލްގެ މެމްބަރުން ބައިވެރިވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ