ކުޑަފަރި މޮނިޓަރިންގެ ހާލަތަށް ގެނެސްފި

ނ. ކުޑަފަރި މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ކުޑަފަރި ކައުންސިލްގެ ރައީސް ޙަސަން މުޙައްމަދު މި ނޫހަށް މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިއަދު މެންދުރު 11:55 ހާއިރުއެވެ.

ކުޑަފަރި މޮނިޓަރިންގެ ހާލަތަށް ގެނެސްފައި މިވަނީ އެރަށުން މާލެ ގެންދިޔަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ. އެމީހާ މާލެ ގެންގޮސްފައި ވަނީ ފަޔަށް ލިބުނު އަނިޔާއަކާއި ގުޅިގެން ފަރުވާ ކުރުމަށެވެ. މާލެ ގެންދިއުމުގެ ކުރިން އެ އަތޮޅު މަނަދޫ ހޮސްޕިޓަލުން އެމީހާއަށް ފަރުވާ ދީފައިވާކަމަށް ޙަސަން ވަނީ ވިދާޅުވެފައެވެ. .

ޙަސަން އިތުރަށް ވިދަޅުވީ އެމީހާ ޕޮޒިޓިވް ވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ ހެދުމުގެ މަސައްކަތް ކުރެވިފައިވާ ކަމަށާއި، މިހާތަނަށް 5 މީހަކު ޑައިރެކްޓް ކޮންޓެކްޓް ގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެމީހުން ވަކިން އައިސޮލޭޓް ކުރެވިފައިވާއިރު، އެމީހާގެ އާއިލާގެ ގިނަ ފަރާތްތަކެއްވެސް ވަނީ ހޯސް އައިސޮލޭޝަންއަށް ދިއުމަށް އެންގިފައިކަމަށް ޙަސަން ވަނީ ވިދާޅުވެފައެވެ.

ޙަސަން ވިދަޅުވީ އާއިލާގެ ފަރާތުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާގެ ހާލު ރަނގަޅު ކަމަށާއި ކޮވިޑް އާއި ގުޅޭ އެއްވެސް އަލާމާތެއް އެމީހާގެ ގައިން ނުފެންނަކަމަށެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ އުމުރުން 92 އަހަރުގެ ފިރިހެނެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ