ބިދޭސީން ހިންގި ޖަރީމާގެ ޒިންމާ ސަރުކާރުން ނަގަންޖެހޭ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ބިދޭސީ ބަޔަކު ދިވެހިންގެ ދިވެހި ފަސްގަނޑުގައި، ދިވެހިންނާއި ދެކޮޅަށް، މުޒާހިރާކޮށް، ފުލުހުންނަށް އަނިޔާކޮށް ދަޢުލަތުގެ މުދަލަށް ގެއްލުން ދިނުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ބިދޭސީން ދިވެހި ބިމުގައި މުޒާހަރާ ކުރުމަކީ ނުރައްކާތެރި ބިރުވެރި ކަމެއް ކަމަށާއި މިކަމުގެ ޒިންމާ ސަރުކާރުން ނަގަން ޖެހޭނެ ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.
Bidheysee bayaku,dhivehinge dhivehi fasgan’dugai dhivehinnaa dhekolhah muzaaharaakoh fuluhunnah aniyaakoh dhawlathuge mudhalah gehlun dhinumakee balai ganeveyne kameh noon.mee nurahkaatheri biruveri kameh. Mikamuge zinmaa mi sarukaarun nagan jehey @DhiyaresNews @Ch13official
— Abdul Raheem Abdulla (@Banafsaa) July 14, 2020
އިއްޔެ ހުޅުމާލޭގައި ބިދޭސީންތަކެއް ވަނީ މުޒާހަރާކޮށް ހަމަނުޖެހުން ހިންގާފައެވެ. އަދި ބިދޭސީން ހަމަލާން ދޭން ފެށުމުން، އެކަން ހުއްޓުވުމަށް ފުލުހުން ދިޔުމުން،، ފުލުހުންނާއި ދިމާލަށް ގާބުރި ފަދަ ތަކެތި އުކާ ހަމަލާދީފައި ވެއެވެ.
މި ހަމަނުޖެހުމާއި ގުޅިގެން 41 މީހަކު ހައްޔަރުކޮށްފައި ވާކަމަށް ފުލުހުން ވަނީ މިއަދު ބުނެފައެވެ. ފުލުހުން އިއްޔެ ވިދާޅުވީ ފުލުހުން ވިދާޅުވީ، ހަމަނުޖެހުން ހިންގާ ފުލުހުންނަށް ހަމަލާދީފައިވަނީ، ތައިލެންޑުގެ އައިލެންޑް އެކްސްޕާޓުުގެ ބިދޭސީ މުވައްޒަފުންތަކެއް ކަމަށެވެ. މި މައްސަލަ ތަހުޤީޤުކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ބިދޭސީން މުޒާހަރާ ކުރުމަކީ ސިޔާސީ ބަޔަކު ރާވައިގެން ކުރާ ކަމެއް ކަމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަނީ އިއްޔެ ވިދާޅުވެފައެވެ.
ބިދޭސީން ބާއްވަމުންދާ މުޒާހަރާތަކާއި ހިންގަމުންދާ ހަމަނުޖެހުންތައް އިތުރުވުމާއި ގުޅިގެން ނޭޝަނަލް ސެކިއުރިޓީ ކައުންސިލް (އެން.އެސް.ސީ.) އާއި، ކަމާގުޅޭ ދާއިރާތަކުގެ އިސްފަރާތްތަކާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވެސް އިއްޔެ ވަނީ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.




