ކޮވިޑް-19 އަށް ފަހު ރާއްޖޭގެ ބޯޑަރުތައް މާދަމާ ހުޅުވާލާއިރު ބޭރުގެ 3 ފްލައިޓެއް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި މާދަމާ ޖެއްސުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން ފުރަތަމަ ރާއްޖެއަށް އައުމަށް ހަމަޖެހިފައިވަނީ ދޯހާއިން ރާއްޖެ އަންނަ ޤަތަރު އެއަރވޭސްގެ ފްލައިޓެކެވެ. ދެވަނައަށް އަންނާނީ ކޮލަމްބޯއިން ރާއްޖެ އަންނަ ސްރީލަންކަން އެއަރލައިންސްގެ ފްލައިޓެކެވެ އަދި ތިންވަނައަށް އަންނަ މޯލްޑިވިއަންގެ ފްލައިޓަކީ ޑާކާއިން ރާއްޖެ އަންނަ ފްލައިޓެކެވެ.

ނިއު ނޯމަލްގެ ދަށުން އަލުން ބޯޑަރު ހުޅުވާއިރު އެއަރޕޯޓުގެ ގިނަ މަސައްކަތްތަކަކަށްވަނީ ބަދަލު އައިސްފައެވެ. އެގޮތުން ނޯމަލްގެ ދަށުން އެއަރޕޯޓު ސްޓާފުންނާއި، ފުރާ އަދި އަންނަ ފަސިންޖަރުންގެ ހުން ބަލާއިރު، ޑިޕާޗަރ އަދި އެރައިވަލް ޓާމިނަލާއި އާންމު ތަންތާގައި ގައިދުރުކަން ދެމެހެއްޓުމަށް ހަނދާންކޮށްދޭ ނިޝާންތައްވެސް ވަނީ ހަރުކުރެވިފައެވެ. މީގެއިތުރުން ކައުންޓަރުގައި ތިބޭ ސްޓާފުންނާއި ފަސިންޖަރުންނާއި ދެމެދު ބިއްލޫރި ޕާޓީޝަންވެސް ވަނީ ޖަހާފައެވެ.
ރާއްޖޭގެ ބޯޑަރުތައް ހުޅުވާލުމަށްވަމުންދާ އެންމެފަހުގެ ތައްޔާރީތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދުވަނީ ބައްލަވާލައްވައިފައެވެ. ރައީސްއާއެކު ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހީދާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލްގެ އިތުރުން އެއަރޕޯޓުގައި ބޯޑަރު ބެލެހެއްޓުމުގައި ހަރަކާތްތެރިވާ އިދާރާތަކުގެ ވެރިންވެސްވަނީ ބައިވެރިވެވަޑައިގެންފައެވެ.
ފަތުރުވެރިންނަށް ރާއްޖެ އަލުން ހުޅުވާލުމަށް ވެފައިވާ ތައްޔާރީތައް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ކުރެއްވި ޒިޔާރަތުގައި މިނިސްޓަރ ޝާހިދު ބައިވެރިވެވަޑައިގެންނެވި pic.twitter.com/XoCB7SN0tm
— Ministry of Foreign Affairs ?? (@MoFAmv) July 14, 2020
ރާއްޖޭގެ ބޯޑަރުތައް މާދަމާ ހުޅުވާލަނީ ބޯޑަރު ބަންދުކުރިތާ 110 ދުވަސް ފަހުންނެވެ.




