އިއްޔެ ރާއްޖެ އައީ 428 ފަސިންޖަރުން، ރާއްޖެއިން ފުރީ 1127 ފަސިންޖަރުން

އިއްޔެ ރާއްޖެ އައިސްފައިވަނީ 428 ފަސިންޖަރުން ކަމަށާއި ރާއްޖެއިން އިއްޔެ ފުރާފައިވަނީ 1127 ފަސިންޖަރުން ކަމަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޓަރމިނަލް އޮޕަރޭޝަންގެ ޖެނަރަލް މެނޭޖަރ އިބްރާހިމް ހުސައިން ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީން މިއަދު ގެނަސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން އިބްރާހިމް ވިދާޅުވީ އިއްޔެ އިންޓަރނޭޝަނަލް 9 ފްލައިޓެއް އޮޕަރޭޓު ކޮށްފައިވާ ކަމަށެވެ. އެގޮތުން އެމިރޭޓްސް، ސްރީލަންކަން އެއާލައިންސް، ޤަތަރު އެއާލައިންސް، ސަޕައިސް ޖެޓް، އިއްތިޚާދު އެއާރވޭސް، ޓާކިސް އެއާލައިން އަދި މޯލްޑިވިއަންގެ 3 ފްލައިޓް އިއްޔެ އޮޕަރޭޓު ކޮށްފައިވާ ކަމަށް އިބްރާހިމް ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު ޖުލައި 15 ގައި ބޯޑަރ އަލުން ހުޅުވިފަހުން އިއްޔެ އަކީ މިހާތަނަށް އެންމެ ގިނަ ފަސިންޖަރުން ރާއްޖެއިން ބޭރުވި ދުވަހެވެ.

ބަންގުލަދޭޝް އަށް ދެ ފްލައިޓެއް އިއްޔެ އޮޕަރޭޓްކޮށްފައި ވާކަމަށާއި އެގޮތުން އިއްޔެ ޖުމްލަ ބަންގުލަދޭޝްގެ 323 ފަސިންޖަރުން އަލުން އަނބުރާ އެގައުމަށް ގޮއްސައިވާކަމަށް އިބްރާހިމް ވިދާޅުވިއެވެ.

ޑޮމެސްޓިކް 4 ފްލައިޓެއް އިއްޔެ އޮޕަރޭޓް ކޮށްފައިވާއިރު އެއީ އައްޑު ސިޓީ ގަމަށާއި، ހދ ކުޅުދުއްފުއްޓަށާއި، ފުވައްމުލަކު އަދި ކޫއްޑު އަށް ކަމަށް އިބްރާހިމް ވިދާޅުވިއެވެ. މި 4 ރަށުގެ އެއާޕޯޓުން އިއްޔެ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް އައިސްފައިވަނީ 38 ފަސިންޖަރުން ކަމަށާއި މާލެއިން މި އެއާޕޯޓުތަކަށް 72 ފަސިންޖަރުން ދަތުރުކޮށްފައި ވާކަމަށް އިބްރާހިމް ވިދާޅުވިއެވެ.

އިއްޔެ 4 ޕްރައިވެޓް ޖެޓު ރާއްޖެ އަށް އޮޕަރޭޓު ކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ