އެއްބަސްވުމަކާނުލައި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް 150 ދަޢްވާކޮށް 800 އަހަރަށް ޖަލަށް ލެވެން އޮތްއިރު އެއްބަސްވުމެއް ހެދީ ދައުލަތަށް ކޮން މަޞްލަޙަތެއް އޮވެގެންތޯ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ސުވާލު އުފައްދަވައިފިއެވެ.
ހައިލަމް މިގޮތަށް ސުވާލު އުފައްދައިފައިވަނީ އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާ މިއަދު ކްރިމިނަލް ކޯޓުން ބާތިލް ކުރުމާއެކު ކްރިމިނަލް ކޯޓްގެ މި ނިންމުން ހައިކޯޓްގައި އިސްތިއުނާފު ކުރުމަށް ނިންމާފައިވާކަން ހާމަކުރުމަށް މިއަދު ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި އަދީބާއި އެކުގައި ދައުލަތުން އެއްވެސް އިއުތިރާފު އެއްބަސްވުމެއް ނުލާ 150 ދައުވާ ކުރެވޭ ވަރަށް ލިޔުން އެބަހުރި ކަމަށް ޕްރޮސިކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވި ވިދާޅުވުމާއި ގުޅިގެންނެވެ.
ހުސައިން ޝަމީމްގެ މި ވާހަކަފުޅުތަކާއި ގުޅިގެން ހައިލަމް ކުރެއްވި ޓުވީޓެއްގައި ސުވާލު ކޮށްފައިވަނީ އެއްބަސްވުމަކާނުލައި 150 ދަޢްވާކޮށް 800 އަހަރަށް ޖަލަށް ލެވެން އޮތްއިރު އެއްބަސްވުމެއް ހެދީ ދައުލަތަށް ކޮން މަޞްލަޙަތެއް އޮވެގެންތޯ އާއި އަދި ދައުލަތުން އެތައް ބިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވިކަން ސާބިތުކުރެވޭނޭ ކިތާބީ ހެކި ލިބިފައިވާއިރު، 150 ދަޢްވާ 7 ދަޢްވާއަށް ބަދަލުކުރީ ކީއްވެތޯ ކަމަށެވެ.
އަދީބުގެ މައްޗަށް ދައުލަތުގެ ފަރާތުން ހަތް ދައުވާ ކުރެއްވިއިރު ޕީޖީ ކަމުގައި ހުންނެވީ އައިޝަތު ބިޝާމާއެވެ. ކްރިމިނަލް ކޯޓުން މިއަދު އަދީބު މިނިވަން ކުރެއްވިއިރު އެ ކޯޓުގެ ގާޒީ ވިދާޅުވެފައިވަނީ، އަދީބާއިއެކު އިއުތިރާފު އެއްބަސްވުމެއް ހެދުމުގައި ޕީޖީ އާއި އަދި ފުލުހުން އަމަލު ކޮށްފައި ވަނީ ގާނޫނާއި ހިލާފަށް ކަމަށެވެ. ބޭސްފަރުވާގެ ކަންކަމުގައި ޕީޖީގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށެވެ.
މިހެންކަމުން، އަދީބުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ހަތް ދައުވާ ވެސް ކޮށްފައި ވަނީ ސައްހަ ނޫން އެއްބަސްވުމެއްގެ ދަށުން ކަމަށްވާތީ އެ ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށާއި އެހެންވެ އެ ދައުވާތައް ބާތިލްކުރުމަށް ކްރިމިނަލް ކޯޓުގެ ގާޒީ މިއަދުވަނީ ނިންމަވައިފައެވެ. މިއާއެކު އަދީބްވަނީ މިނިވަން ވެފައެވެ.
ނަމަވެސް ފުލުހުންގެ ފަރާތުން އަދީބު ފުރުން މަނާކުރުމުގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި މިރޭ އެދުމުން އެ ކޯޓުންވަނީ އަދީބް ފުރުން މަނާކޮށް އަމުރު ނެރެދީފައެވެ. ފުލުހުން އަދީބު ފުރުން މަނާކުރުމުގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި އެދިފައިވަނީ އަދީބުގެ މައްޗަށް ޕީޖީ އުފުލާފައިވާ ދައުވާތައް އެ ކޯޓުން މިއަދު ބާތިލް ކުރުމުން، އެ މައްސަލަ ދައުލަތުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފައިވާތީ ކަމަށެވެ.