އަރަބީންނަށް އަމާޒުކޮށް ތަޢާރަފުކުރި މާލްދީފްގެ ވެބްސައިޓް ލޯންޗުކޮށްފިއެވެ.
'މާލްދީފް.ކޮމް' ނަމުގައި ތަޢާރަފުކުރި މިވެބްސައިޓް ލޯންޗުކޮށްފައިވަނީ އެގްރޫޕް ގެ ޗެއާމަން ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.
މިވެބްސައިޓް ލޯންޗްކުރުމަށް މިއަދު މާލްދީފްގެ ފޭސްބުކް މެދުވެރިކޮން ކުރިއަށްގެންދިޔަ ލައިވްއެއްގައި އަރަބިބަހުން ޑރ ޝަހީމް ވިދާޅުވީ މާލްދީފް ވެބްސައިޓާއި މާލްދީފް ގްރޫޕްގެ ސޯޝަލްމީޑިޔާގެ އެންމެހާ އެހެނިހެން ޕްލެޓްފޯތަކެއް ޢަރަބި ބަހުން އިފްތިތާޙު ކުރުމަކީ ލިބޭ ވަރަށް މަތިވެރި އުފަލެއްކަމަށާއި މި ޕްލެޓްފޯމްތައް ހުޅުވިގެން މިދަނީ ދިވެހިރާއްޖޭގެ ވާހަކަ ޢަރަބި ދުނިޔެއަށް ފޯރުކޮށް ދިނުމަށްކަމަށެވެ.
އަދި ޢަރަބި ބަހަކީ ދުނިޔޭގެ ހަތަރުވަނަ އަށް އެންމެ ގިނަ މީހުން ވާހަކަ ދައްކާ އުޅޭ ބަހުރުވަކަމަށާއި ޤައުމުތަކުގެ ނިސްބަތުން ދުނިޔޭގައި ދެވަނަ އަށް އެންމެ ބޮޑަށް ފެތުރިފައިވާ ބަސްކަމަށާއި ގާތް ގަނޑަކަށް ފައްސަތޭކަ މިލިޔަން މީހުން ޢަރަބި ބަހުން ވާހަކަ ދައްކާއުޅޭކަން ފާހަގަ ކުރަމުން ޑރ. ޝަހީމް ވިދާޅުވީ، ދުނިޔޭގެ އެއްތަނުން އަނެއް ތަނަށް ދަތުރުފަތުރު ކުރުމަކީ ޢަރަބީން ލޯބިކުރާ ސިފައެއްކަމަށާއި އަދި އެއީ ޢަރަބީންގެ އެންމެ ޤަދީމީ ސިފަކަމަށެވެ.
"ތާރީޚީ ގޮތުން ބަލާއިރު ޢަރަބީނަކީ އެއްތަނުން އަނެއް ތަނަށް ދަތުރުފަތުރުކޮށް އުޅުނު ބައެއް، ޢަރަބީން ދަތުރުފަތުރުކޮށް އުޅުނީ ލޯތްބާއި ޞުލްޙަވެރިކަމާއި ޢިލްމާއި ފިކުރު ފަތުރައި އަނެކާއަށް ހެޔޮ ފޯރުކޮށްދިނުމަށް، އަދި ޘަޤާފަތާއި ޙަޟާރަތާއި ބިންމަތީގައި ޤާއިމު ކުރުމަށް" ދުނިޔޭގެ އެތަށް މިތަނުން ލައިވްކޮށް ޚިޠާބު ބައްލަވައި އައްސަވަމުން ގެންދަވާ އެކުވެރި ޢަރަބީންނަށް އިޝާރާތް ކުރައްވާ ޑރ ޝަހީމް ވިދާޅުވިއެވެ.
موقع "مالديف" أول موقع سياحي مالديفي باللغة العربية من المالديف للعالم العربيhttps://t.co/9G0iQf77U3 pic.twitter.com/WFJmzSZK5T
— Maaldif المالديف (@Maaldif) July 15, 2020
"ތިޔަބޭފުޅުންގެ ދިވެހިރާއްޖެއަކީ ޤަދީމީ ޒަމާނުއްސުރެ ޢަރަބިންނާއި ވަރުގަދަ ދެމިގެންވާ ގުޅުމެއް ވާ ޤައުމެއް، މި ގުޅުމުގެ ވަރުގަދަ އަސަރު ދިވެހި ތާރީޚާއި ޘަޤާފަތުގައި ވަނީ ބިންވަޅު ނެގިފަ، ޢަރަބި ބަހަކީ ދިވެހި ބަހުގައި އެބަހެއްގެ އަސަރު އެންމެ ބޮޑަށް ހުރި އެއް ބަސް، ޢަރަބި ލިޔުންތެރިން ފާހަގަކޮށްފައިވާގޮތުން ދިވެހިރާއްޖެއަކީ ބިންމަތީގައިވާ ސުވަރުގެއެއް، އެއީ ރާއްޖޭގެ ރަށްތަކުގެ ރީތިކަމާއި ގޮނޑުދޮށްތަކުގެ ނަލަކަމާއި ރާއްޖޭގެ ރައްޔިތުންގެ ރިވެތި އަޚުލާޤުގެ ސަބަބުން." ޝަހީމް ވިދާޅުވިއެވެ.
މީގެއިތުރުން ޝަހީމް ވިދާޅުވީ، ސީދާ ޢަރަބި ބަހުން މި ޕްލެޓްފޯމްތައް އިފްތިތިޙާކުރުމަކީ މާލްދީފް ގްރޫޕަށް ލިބޭ ނުހަނު ބޮޑު އުފަލެއްކަމަށާއި، މިވެބްސައިޓުގެ މަޤުޞަދަކީ ޢަރަބި އެކުވެރިންނާ ހަމައަށް އަމިއްލަ ބަހުން ރާއްޖޭގެ ވާހަކަ ގެންގޮސް ދިނުންކަމަށާއި ރާއްޖެ ތަޢާރަފްކޮށް ރާއްޖޭގެ ތާރީޚައި ތަންތަނާއި ރަށްތަކާއި ރިޒޯތްތަކުގެ ވާހަކަ ކިޔައި ދިނުން ކަމުގައެވެ. އަދި މަސައްކަތްކުރަނީ އަރަބިން ރާއްޖެ އައުމުގެ މަގު ފަސޭހަކޮށްދީ އެކަމަށްޓަކައި ފާލަން އެޅުންކަމަށާއި އުންމީދަކީ އަރަބިންގެ އެންމެ މަޤްބޫލް މަންޒިލަކަށް މި ދިވެހިރާއްޖެވުން ކަމުގައިވެސް ޝަހީމްގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ.
"އެކުވެރި ޢަރަބީންނޭ! ތިޔަބޭފުޅުންނަށް ރާއްޖެ އެބަ ބެނުންވޭ، ރާއްޖޭގެ އިޤުތިޞާދު މައިގަނޑު ގޮތެއްގައި ބިނާވެފައި އޮތީ ޓޫރިޒަމްގެ ޞިނާޢަތުގެ މައްޗަށް، ނަމަވެސް ކޮރޯނާގެ ސަބަބުން ޓޫރިޒަމްގެ ޞިނާޢަތަށް ގެއްލުންވެ ރާއްޖޭގެ އިޤުތިޞާދަށް މިވަނީ ގެއްލުންވެފަ، ކޮންމެ ގޮތެއް ވިޔަސް ރާއްޖޭގެ ރައްޔިތުން ޢަޒުމް ކަނޑައެޅީ ރާއްޖެ އަލުން ކޮޅަށް ޖަހައި ރާއްޖޭގެ އިޤުތިޞާދު ބިނާކުރުން." ޝަހީމް ވިދާޅުވިއެވެ.
ޢަރަބިންނަށް ރާއްޖެ ތަޢާރުފްކޮށް އެެރުވުމުގެ ގޮތުން އިފްތިތާޙުކުރާ ޕްލެޓްފޯމްތަށް ލޯންޗު ކުރުމުގެ މުނާސަބަތުގައި ޢަރަބިންނާ މުޚާޠަބްކޮށް، އަޅުގަަަޑު ދޭ މެސެޖް https://t.co/myFTRmZrpK
— Mohamed Shaheem Ali Saeed (@Mohamedshaheem1) July 15, 2020
ޝަހީމް ވިދާޅުވީ، މާލްދީފް ގުރޫޕްއިން މި ޕްލެޓްފޯމްތައް އިފްތިތާޙުކުރީ މިކަމުގެ ސަބަބުން ވަޠަނީ މަސްއޫލިއްޔަތުގެ ދަށުން ޤައުމަށް އެހީވުމަށްކަމަށެވެ.
މާލްދީފް ވެބްސައިޓްގައި ހިމެނެނީ ރާއްޖެއާއިބެހޭ ޚަބަރާއި މައުލޫމާތެވެ. ރާއްޖޭގެ ހާއްސަ ތަންތަނާއި ބެހޭ މައުލޫމާތު ޢަރަބި ބަހުން ގެނެސްދީފައިވެއެވެ. އަދި މީގެ އިތުރުން ރަށްރަށުގެ މައުލޫމާތުވެސް ވަކި ރަށްރަށް ހާއްސަކޮށްގެން ގެނެސްދިނުމަށް ވަނީ ފަށާފައެވެ. މި ސައިޓްގެ ކޮލަމިސްޓުންގެ ބައިގައި ދިވެހިރާއްޖެ ލިޔުންތެރިންވެސް ޢަރަބި ބަހުން ލިޔުންތައް ލިޔަމުންދާނެކަމަށް އެފަރާތުން ހާމަކުރެއެވެ.
ޢަރަބި ދުނިޔޭގެ ބޭފުޅުންގެ ލިޔުންތައްވެސް ހިމަނާފައިވާނެކަމަށާއި އޭގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާ، މިސްރު، އަލް ޖަޒާއިރު، ސީރިޔާ ފަދަ ޤައުމުތަކުގެ ބޭޅުންގެ ލިޔުއްވުން މިހާރުވެސް ސައިޓްގައި ހިމެނިފައިވާނެކަމަށް މަޢުލޫމާތު ދީފައިވެއެވެ. މިއީ އެބޭފުޅުން ރާއްޖެ ވަޑައިގެން ކުރެވުނު ތަޖުރިބާ ޢަރަބި ބަހުން ލިޔެފައިވުމުން މިކަން ވެގެންދާނީ ރާއްޖެ ޕްރޮމޯޓް ކުރުމަށް އެޅޭ ބާރަކަށްކަމުގައި ޔަޤީނެވެ.
މިވެބްސައިޓް ފެށިގެންދާއިރު މިހާރުވެސް ފޭސްބުކް، ޓްވިޓާރ އަދި އިންސްޓަރގްރާމް ފަދަ ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި ޢަރަބި އެތައް ފޮލޯވާރސް އިން ފޮލޯ ކުރަމުންދާކަން ފާހަގަ ކުރެވެއެވެ. މާލްދީފް.ކޮމް ހިންގަމުން އަންނާނީ މާލްދީފް ގްރޫޕްއިންނެވެ. އެގުރޫޕްގެ ޗެއާރމަން އަކީ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، މެނޭޖނިންގ ޑިރެކްޓަރ އަކީ އަލީ އަހްސަން އަދި ޑިރެކްޓާރ އަކީ އިބްރާހިމް އަޝްވާގު އެވެ.
މިއީ ތާރީޚުގައި އަރަބީންނަށް އަމާޒުކޮށް އަރަބި ބަހުން ރާއްޖޭގެ ވެބްސައިޓެއް ތަޢާރަފުކުރެވޭ ފުރަތަމަ ފަހަރުކަންވެސް ފާހަގަކުރެވެއެވެ.
މާލްދީފް ގްރޫޕުން އަރަބި ބަހުން ފަތުރުވެރިންނަށް ދިވެހިރާއްޖެ އިޝްތިޙާރުކުރަނީ!




