އިމިގްރޭޝަން ޤާނޫނުގެ އިސްލާހަކީ ދިވެހި ޤައުމިއްޔަތު ނައްތާލަން ރާވާ ރޭވުމެއް: ޑރ.ޖަމީލް

އިމިގްރޭޝަން ޤާނޫނުގެ އިސްލާހަކީ ދިވެހި ޤައުމިއްޔަތު ނައްތާލަން ރާވާ ރޭވުމެއް ކަމަށް ރާއްޖޭގެ ކުރީގެ ނައިބުރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިފަދައި ވިދާޅުވެފައި މިވަނީ، ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ރެޒިޑެންޓް ވިސާ ދޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަތުމާއި ގުޅިގެންނެވެ.

ރައީސް ނަޝީދު މިކަމަށް އެދިވަޑައިގަތީ އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލް އެ ކޮމިޓީން ދިރާސާކޮށް، ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމަން ފޮނުވުމުން އަނބުރާ ކޮމިޓީ އަށް ފޮނުއްވަމުންނެވެ. ނަޝީދު ބޭނުންފުޅުވީ، އެ މަނިކުފާނު ހުށަހަޅުއްވާ އިސްލާހާ އެކު، އެ ބިލާ މެދު އަލުން ކޮމިޓީން ވިސްނުމަށެވެ.

މިކަމާއި ގުޅީގެން މިރޭ ޑރ.ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިމިގްރޭޝަން ޤާނޫނުގެ އިސްލާހަކީ ދިވެހި ޤައުމިއްޔަތު ނައްތާލަން ރާވާ ރޭވުމެއް ކަމަށާއި، މިއީ ޤައުމުގެ ހުރިހާ ލީޑަރުން އެކުގައި ތެދުވާން ޖެހޭ ކަމެއް ކަމަށެވެ.

"މިހާ ފަސޭހައިން މިކަން ދޫކޮއްލައިފި ނަމަ، މާދަމާ ދިވެހި ރާއްޖެ ކިޔާނެ ތަނެއް ނޯންނާނެ. އަބަދު ދިވެހިންނަށް ގެއްލުން ދޭން ރާވަނީ ކީއްވެބާ؟" ޖަމީލް ވިދާޅުވިއެވެ.

އިމިގްރޭޝަން ގާނޫނު މިހާރު އޮންނަ ގޮތުން ރެސިޑެންޓް ވިސާ ދެވޭނީ ދިވެއްސަކާ ކައިވެނި ކޮށްގެން އުޅޭ ބިދޭސީންނާއި ސަރުކާރުން ގަބޫލުކުރާ ވިޔަފާރިތަކުގައިި ބޮޑެތި އިންވެސްޓްމަންޓް ކުރާ ބިދޭސީންނަށް އެކަންޏެވެ.

އެކަމަކު މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ކޮމިޓީ އަށް ނަޝީދު ހުށަހެޅުއްވީ 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށާއި އެއް ލައްކަ ރުފިޔާ އަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް ކުރާ ބިދޭސީންނަށް ވެސް ރެސިޑެންޓް ވިސާ ދޭންޖެހޭ ގޮތަށާއި ދިިވެއްސަކާ ކައިވެނި ކުރާ ބިދޭސީންނަށް ވެސް އެ ވިސާ ލިބޭ ގޮތަށް ބަދަލު ގެނައުމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ