ކަނޑުވި މަސްދޯނީގައި ތިބި މީހުން މާލެ ޖެޓީ -04 ގައި، ފޮޓޯ: އެމްއެންޑީއެފް

ދޯނި އަޑިއަށް ދިޔައީ ބާރު ކޮޅިގަނޑެއްގައި، ސަލާމަތްކުރީ ކައިރީ އޮތް ދޯންޏެއް

9 މީހުންނާއި އެކު މާލެ އާއި 17 ނޯޓިކަލް މޭލު އިރުން ހުރާ ބޮއެ ކައިރީ މަސްވެރިކަން ކުރަން އުޅުނު “ކަނޑުރޯދި-1” ނަމަކަށް ކިޔާ ދޯންޏެއް މޫސުން ގޯސްވެ ކަނޑު ގަދަވެ، ދޯނި އަޑިއަށް ގޮސް ފަޅުވެރިން ކަނޑުވެފައި ތިއްބާ ސަލާމަތް ކޮށްފައިވަނީ އެސަރަހައްދުން ދަތުރު ކުރި އެހެން ދޯންޏެއް ކަމަށް "ކަނޑުރޯދި 1" ގެ ކެޕްޓަން އަބްދުﷲ ރިފާޢު ވަނީ ބުނެފައެވެ.

މި ހަދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވެއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 06:30 ހާއިރުއެވެ. ގާތް ގަނޑަކަށް 61 ފޫޓުގެ މި ދޯނި އަޑިއަށް ގޮސްފައިވަނީ 6:50 އެހާއިރު އެވެ.

މީޑިއާ އަށް މަޢުލޫމާތު ހިއްސާ ކުރަމުން ދޯނީގެ ކެޕްޓަން ވިދާޅުވީ މޫސުމާ ބެހޭ މައުލޫމާތު މެޓު އޮފީހަށް ގުޅައި ސާފުކުރުމަށްފަހު މަހަށް ނިކުތީ ރޭގައި 10:00 ޖަހާކަށް ހާއިރު ކަމަށެވެ. ނަމަވެސް ހެނދުނު އައި ބާރުގަދަ ކޮޅިގަނޑެއްގައި ޖެހި، ދޯނި ދިޔަވާން ފެށި ކަމަށް ކެޕްޓަން ވަނީ ބުނެފައެވެ. ދޯނި އަޑިއަށް ދިޔައީ ދިޔަގަނޑު ބޮޑުވެ ކޮންޓްރޯލް ނުކުރެވިގެން ކަމަށްވެސް ކެޕްޓަން ވަނީ ބުނެފައެވެ.

6:30 އެހާއިރު މި ކޮޅިގަނޑު އައިއިރު ދޯނި އޮތީ މާލެ ކައިރީގައި ހުރި "ބޮއެއް" ކައިރީގައި ކަމަށާއި މަސް ބާނަން ތިއްބައި ދޯނީގެ ފަހަތު ކޮޅުން ރާޅު އަރުވަން ފެށީ ކަމަށް ކެޕްޓަން ބުންޏެވެ. ރާޅު އަރުވަން ފެށީމައި އިންޖީނު ފޮށިގަނޑު މަތި ނަގައި ބަލާލިއިރު އިންޖީނުގެ މެދަށް ވުރެ މައްޗަށް ދިޔަވެފައި ހުރި ކަމަށް ކެޕްޓަން ބުންޏެވެ.

އަޑިއަށްދިޔަ ދޯނީގެ ކެޕްޓަން އަބްދުﷲ ރިފާޢު މީޑިއާއަށް މައުލޫމާތު ދެއްވަނީ

ބާލިދި ތަކާއި އެއްޗިހިތައް ޖަހައިގެން ދިޔަ ގަނޑު ހިއްކަން ފެށި ކަމަށާއި ނަމަވެސް ފަހަތުން ރާޅު އަރުވާވަރުން ދިޔަގަނޑު އަޑި ނުވީ ކަމަށް ކެޕްޓަން ވަނީ ބުނެފައެވެ. ދޯނި އަޑިއަށް ދިޔައީވެސް ދިޔަ ހިއްކަ ހިއްކާ ހުއްޓައި ކަމަށް ކެޕްޓަން ބުންޏެވެ. އެހިސާބުން ހުރިހާ މަސްވެރިން ތިބީ ކަނޑުގައި ކަމަށާއި ކައިރި ހިސާބެއްގައި 3 ދޯނި އޮތް ކަމަށް ކެޕްޓަން ބުންޏެވެ. އެތަނުން އެމީހުން ނެގީ ކ. ގުޅި / ރޭޝަމް ނަމަކަށް ކިޔާ ދޯނިން ކަމަށްވެސް ކެޕްޓަން ބުންޏެވެ.

ދޯނި ގަތްތާ 8 ނުވަތަ 9 މަސް ދުވަސް ވެފައިވާއިރު ދޯނި ގަނެފައިވަނީ 7 ލައްކަ ރުފިޔާއަށް ފ. ނިލަންދޫ އިންނެވެ. ދޯނީގެ އަގު އަދި އެއްކޮށް ނުދެއްކޭއިރު ބާކީ 250000 (ދެ ލައްކަ ފަންސާސް ހާސް) ރުފިޔާވަރު އަދި ދައްކަން ޖެހޭ ކަމަށް ކެޕްޓަން ވަނީ ބުނެފައެވެ. ދޯނީގެ މަސްވެރިންނަކީ މާލޭގައި ކުއްޔަށް އުޅޭ ބަޔަކަށް ވާއިރު އިޤްތިޞާދީ ގޮތުން މި ނާޒުކު ދަނޑިވަޅުގައި އެ ދޯނީގެ މަސްވެރިން ތިބީ ކަންބޮޑު ވުމެއްގައެވެ. ދޯނީގެ ކެޕްޓަން ބުނީ މި ހާދިސާއާއިއެކު ގާތް ގަނޑަކަށް 5 ލައްކައެއްހާ ރުފިޔާ ގެއްލުން ވެގެން ދާނެ ކަމަށެވެ.

ދޯނީގެ ކެޕްޓަން އާއި މަސްވެރިން ސަރުކާރުގެ އެހީތެރިކަމަށް ވަރަށް ބޮޑަށް ބޭނުންވާކަން ފާހަގަ ކޮށްފައިވާއިރު ކަނޑު މަތީ ހިނގާ މިފަދަ ހުރިހާ ހާދިސާ އެއްގައިވެސް އެމްއެންޑީއެފްގެ އެހީތެރިކަން ލިބެމުންދާކަން ވަނީ ފާހަގަކޮށްފައެވެ.

މިލިޔުން ކިޔާލުމުން
13
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ