ދެކުނު ކޮރެއާއިން ރާއްޖެއަށް 150 ޓެސްޓް ކިޓް ހަދިޔާކޮށްފި

ދެކުނު ކޮރެއާއިން ރާއްޖެއަށް 150 ޓެސްޓް ކިޓް ހަދިޔާކޮށްފި އެވެ.

ފޮރިން މިނިސްތްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކޮވިޑް-19 އާ ދެކޮޅަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ދެކުނު ކޮރެއާ ސަރުކާރުން ދިވެހިރާއްޖެއަށް 150 ޓެސްޓް ކިޓް ހަދިޔާކޮށްފައި ވާކަމަށެވެ.

ދެކުނު ކޮރެއާއިން ފޯރުކޮށްދިން ދީލަތި މި އެހީތެރިކަމަށްޓަކައި ދެކުނު ކޮރެއާގެ ސަރުކާރާއި، ރައީސް މޫން ޖެއިއިން އާއި ޚާރިޖީ ވަޒީރު ކަންގް ކުޔުންގްވާ އަށް ދިވެހި ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ޝުކުރު އަދާކޮށްފައެވެ.

ކޮވިޑް-19 އާ ދެކޮޅަށް ދިވެހި ސަރުކާރުން މަސައްކަތްކުރަމުންދާ މިދަނޑިވަޅުގައި  150 ޓެސްޓް ކިޓް ބޭނުންކޮށްގެން 15،000 (ފަނަރަ ހާސް) ކޮވިޑް-19 ޓެސްޓް ހެދޭނެ ކަމަށް މިނިސްޓަރ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފައެވެ.

މިއީ ކޮވިޑް-19 ކޮންޓްރޯލްކޮށް، އިތުރަށް ފެތުރުނަ ނުދިނުމަށް ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަށް ލިބިގެން ދިޔަ އިތުރު ކުރިއެރުމެއް ކަމަށާއި ދިވެހިރާއްޖެއާއި ދެކުނު ކޮރެއާ އާއި ދެމެދު ގާތް ގުޅުމެއް އުފެދިފައިވާއިރު، ކުރިއަށް އޮތްތަނުގައި މިގުޅުން އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ހާމަކުރައްވާފަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ