ހދ ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް މަޤާމުން ވަކިކުރަން ރައްޔޮތުންގެ މަޖިލީހަށް ހުށައެޅުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ބުނެފައިވަނީ ހދ ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމްއާ ގުޅޭގޮތުން އެ ކޮމިޝަނުން ތަޙްޤީޤު ކުރަމުންދިޔަ މައްސަލަތަކުގެ ތެރެއިން، ހއ.ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ޤަޟިއްޔާއެއް ނިންމުމުގައި އިސްމެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމް ރިޝްވަތުގެ ގޮތުގައި ފައިސާ ނަގާފައިވާކަން ސާބިތު ވެފައިވާކަމަށެވެ.
މުޙައްމަދު މަޢުޞޫމް ފަނޑިޔާރުކަމުގެ މަސްޢޫލިއްޔަތު އަދާކުރުމުގައި ރިޝްވަތުގެ ގޮތުގެ އެހެން މުޢާމަލާތްތައްވެސް ކޮށްފައިވާކަން ސާބިތުވެފައިވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.
އިސްމެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމަށް މުސާރަ އާއި ޢިނާޔަތުގެ ގޮތުގައި ލިބޭ ފައިސާގެ އިތުރަށް، އިސްމެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމްގެ ބޭންކް އެކައުންޓަށް ވަދެފައިވާ ގިނަ ޢަދަދެއްގެ ފައިސާއަކީ ނާޖާއިޒް ގޮތުގައި ނުވަތަ ނަހަމަ ގޮތުގައި ހޯދާފައިވާ ފައިސާކަން ސާބިތުވާ ކަމަށްވެސް ޖޭއެސްސީން ވަނީ ބުނެފައެވެ.
ވަޒީފާގެ މާހައުލާ އެކަށީގެން ނުވާ ގޮތަށް ޢަމަލުކޮށް އެކަށީގެން ނުވާ ބަހުރުވައިން މުވައްޒަފަކާމެދު މަޢުޞޫމް ހިތާފައިވާކަމާއި، އަދި މަޢުޞޫމްގެ ފަރާތުން އެ މުވައްޒަފަށް ކުރިމަތިވި ބައެއް ކަންކަމަކީ ޖިންސީ ފުރައްސާރައިގެ ސިފަ އެކެލެވިގެންވާ ޢަމަލުތަކެއްކަން ތަޙްޤީޤަށް ސާބިތުވާކަމަށްވެސް ޖޭއެސްސީން ވަނީ ބުނެފައެވެ.
އިސްމެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމް ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް، އިއްޔެ ބޭއްވި ޖޭއެސްސީގެ މި އަހަރުގެ 51 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.




