ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް

ބިދޭސީންގެ ހަމަނުޖެހުންތަކުގައި ފޮރުވިފައިވާ ކަންކަން އެބަހުރި: މާރިޔާ

މިދުވަސްވަރު ބިދޭސީން ހިންގަމުންދާ ހަމަނުޖެހުންތަކުގައި ފޮރުވިފައިވާ އެހެން ކަންކަން އެބަ ހުރި ކަމަށާއި ހަމަނުޖެހުން ހިންގަމުން އަންނަނީ ހަމައެކަނި މުސާރަ ނުދީގެނެއް ނޫން ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޤައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީއަށް ހާޒިރުވެވަޑައިގެން، ބިދޭސީންގެ މައްސަލަ އާއި ގުޅިގެން ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ، މިފަހަކަށް އައިސް ބިދޭސީންގެ މައްސަލައަކީ ބޮޑުވެފައިވާ މައްސަލައެއްކަމަށެވެ.

ބިދޭސީން އުޅެނީ މުސާރަ ނުލިބިގެންކަން ހަމަކުރައްވަމުން މާރިޔާ ވިދާޅުވީ، ދާދިފަހުން ބިދޭސީން ބޮޑު ފިނޮޅުގައި ދިވެހިން ރަހީނުކޮށް މުދަލަށް ގެއްލުން ދީފައިވާކަމަށާއި، އަދި ކޫއްޑޫގެ މަސައްކަތްކުރާ ބިދޭސީން ރަށަށްދާން ބޭނުންވާ ކަމަށް ބުނެފައިވުމުން، ބިދެސީން އުޅެނީ މުސާރައިގެ ހައްގުގައި ނޫންކަން ހަމަވާކަމަށެވެ. އަދި ސިފައިންގެ ފްލެޓުތަކުގައި މަސައްކަތް ކުރާ ބިދޭސީން ހަމަނުޖެހުން ހިންގައިފައިވާއިރު، އެމީހުންނަށް

ކޮންމެވެސް ވަރަކަށް މުސާރަދެމުންދާ ކަމަށް ވިދާޅުވެފައިވެއެވެ.

މި ހުރިހައި ކަންތައްތަކަކީ މުސާރައާއި ގުޅުންހުރި ކަންތައްތަކެއް ނޫންކަމަށައި، ބިދޭސީންގެ މުޒާހަރާތަކަކީ ބަޔަކު ފަހަތުގައި ފޮރުވިގެން ތިބެ ކުރިއަށް ގެންދާ ކަމެއް ކަމުގައި މާރިޔާ ވިދާޅުވެފައިވެއެވެ. އަދި މިކަންތައްތަކަކީ ރާއްޖޭގެ މަސްލަހަތަށް ގެއްލުންވާނެ ކަންކަން ކަމަށާއި ގައުމީ ސަލާމަތަށް ނުރައްކާވާގޮތަށް ބިދޭސީން ރާއްޖޭގައި އުޅުން ހުއްޓުވުމަށް މަޖިލީހުގެ އެއްބާރުލުންވެސް ބޭނުންވާކަމަށް މާރިޔާ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ