އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ރައީސް ޞޯލިހަށް ލިބިވަޑައިގެންފައިވާކަން މިހާތަނަށް ކުރި ތަހްޤީޤުން ފާހަގަކުރެވިފައި ނުވާކަމަށް ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ކޮރަޕްޝަން އެންޑް އެސެޓްސް ރިކަވަރީ ކޮމިޝަނުގެ ރައީސް މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ އެ ކޮމިޝަނުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އެ ކޮމިޝަނުގެ ރައީސް ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުން އެ ކޮމިޝަނަށް ހުށަހެޅި ބަލަމުންދާ އެއްވެސް ހިޔާނާތެއްގެ މައްސަލައެއްގައި މިހާރުގެ ރައީސް، އިބްރާހީމް މުޙައްމަދު ޞޯލިޙްގެ މައްޗަށް އެއްވެސް ހިޔާނާތެއްގެ ތުހުމަތު ކުރެވިފައި ނުވާ ކަމަށާއި، އެފަދަ ކަމެއް ތަޙްޤީޤުންވެސް ފެނިފައި ނުވާކަމަށެވެ.
މިހާރު ކުރިއަށް ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް އިތުރަށް ވިދާޅުވީ، ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ އަދަދު 300 އިން މައްޗަށް އަރާފައިވާ ކަމަށާއި، މިހާރު ބަލަމުންދާ މައްސަލަތަކުގެ އަދަދު 30 ގައި ހުރިއިރު، އެމްއެމްޕީއާރުސީގެ ހިޔާނާތުން އެކަނިވެސް ލިބުނު ގެއްލުމުގެ އަދަދު 4 ބިލިއަނާ ގާތްކުރާ ކަމަށެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުގެ މަސައްކަތާއި ގުޅޭގޮތުން ރައީސް ޞޯލިޙް މިއަދު ވިދާޅުވީ، ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު އެކޮމިޝަނުން އެމަނިކުފާނަށް ހުށަހަޅާފައިވާ ކަމަށާއި، ރިޕޯޓާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރައްވަން ފައްޓަވާފައިވާ ކަމަށެވެ.
ކޮރަޕްޝަނާއި ވައްކަމުގެ ބޮޑެތި މައްސަލަތައް ބެލުމަށް ޤާއިމުކުރި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު އެކޮމިޝަނުން ވަނީ އަޅުގަނޑަށް ހުށަހަޅާފަ. ރިޕޯޓާ ގުޅިގެން ކުރަންޖެހޭ ކަންކަން އަޅުގަނޑު ކުރަން ފަށައިފިން.
— Ibrahim Mohamed Solih (@ibusolih) July 23, 2020



