މަޝްވަރާތަކަށް ތައްޔާރުކަމަށް ވިދާޅުވެ، ސިޔާސީ ވާދަވެރިން ސަރުކާރާ މަޝްވަރާކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް ގޮވާލައްވައިފިއެވެ.
ރައީސް ޞޯލިޙް މިފަދަ ގޮވާލެއްވުމެއް ގޮވާލެއްވީ މިއަދު ފާހަގަކުރަމުންދާ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހި ޤައުމާ މުހާޠަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން މިއަދު ހެނދުނެވެ.
ރައީސް ޞޯލިޙް ވިދާޅުވީ، މިނިވަން ދުވަހުގެ އުފާ ފާހަގަކުރާއިރު، މިނިވަންކަން ލިބުނު ގޮތާއި، މިނިވަންކަން ދެމެހެއްޓުމަށް ކުރަންވީ ކަންތައް ހަނދާނުން ފޮހެވިގެން ނުވާނެ ކަމަށާއި، ދިވެހިންނަށް ސިޔާސީ މިނިވަންކަން ލިބުނީ، ޞުލްޙަވެރިކަމާއި ޙިކްމަތްތެރިކަމާއެކު ކުރި މަސައްކަތުން ކަމަށެވެ. އެހެންކަމުން ދިވެހިންގެ މިނިވަންކަން ދެމިއޮންނާނީވެސް ޞުލްޙައިގެ މަތީގައި ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ސިޔާސަތުތައް ބައްޓަންކުރެވިފައި މިވަނީ، މި ދެންނެވި އަސާސްގެ މަތީގައި. މަލްޓި ޕާޓީ ޑިމޮކްރެސީއެއްގެ ތެރެއިން، ޤައުމު އާރާސްތުކުރަމުން ދާނީ، ސިޔާސީ ވާދަވެރިންގެ އަޑުވެސް އަހައިގެން. އަޅުގަނޑުމެންގެ ޤާނޫނުއަސާސީވެސް ބިނާވެފައި އޮތީ، ތަފާތު ޚިޔާލުތަކާ އެކުގައި އެންމެންގެ ބައިވެރިވުން ޝާމިލުވާގޮތަށް، ޤައުމުގެ ކަންކަން ހިންގުމުގެ މައްޗަށް." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މި އުފާވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި، ހުރިހާ ސިޔާސީ ބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ، ސިޔާސީ ކަންކަމުގައި ޚިޔާލު ތަފާތުވިޔަސް، ޤައުމުގެ އެންމެ މަތީ މަޞްލަޙަތާ ގުޅޭގޮތުން، އެންމެން އެއްބަސްވާންޖެހޭ ކަންކަން ހުންނާނެ ކަމަށާއި، ކޮންމެ ކަމަކީ، ސިޔާސީ ވާދަވެރިކަމުގައި ބައިބައިވުމަށް ފުރުޞަތު ދެވޭ ކަމަކަށް ހެދުމަކީ، ރަނގަޅު ކަމެއް ނޫން ކަމަށެވެ.
"އެފަދަ ކަންކަމުގެ ސަބަބުން ގެއްލުން ލިބެމުންދަނީ، ހުރިހާ ރައްޔިތުންނަށް، މުޅި ޤައުމަށް. ޤައުމުގެ އެންމެ މަތީ މަޞްލަޙަތު ހިމެނޭ ކަންކަމުގައި، ސަރުކާރާ އެކުގައި މަސައްކަތް ކުރައްވަން ފެށްޓެވުމަށް، ހުރިހާ ސިޔާސީ ބޭފުޅުންނަށް އަޅުގަނޑު ގޮވާލަން. ތިޔަބޭފުޅުންގެ ޚިޔާލާއި މަޝްވަރާއަށް އަޅުގަނޑު އަބަދުވެސް މަރުޙަބާ ކިޔާނަން." ރައީސް ޞޯލިޙް ވިދާޅުވިއެވެ.
ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ޙިމާޔަތްކުރާނީވެސް، ޞުލްޙަވެރިކަމާއި ހަމަޖެހުމުގެ މައްޗަށް ބިނާވެފައިވާ ޚާރިޖީ ގުޅުންތަކުގެ ތެރެއިން ކަމަށާއި، މިނިވަން ޤައުމެއްގެ އުފަލާއި ފަޚުރުވެރިކަން ފާހަގަކުރާއިރު، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި، އެހެން ޤައުމުތަކާ އެކުގައި ކުރަންޖެހޭ މަސައްކަތްތަކުގެ މުހިންމުކަން އިތުރުވެފައިވާ ކަމަށާއި، އެއްވެސް ޤައުމަކަށް، ބައިނަލްއަޤްވާމީ މުޖުތަމަޢުން އެކަހެރިވެގެން ނޫޅެވޭނެކަން، ކޯވިޑް-19 ގެ ސަބަބުން ވަރަށް ރަނގަޅަށް ސާބިތުވެފައިވާ ކަމަށް ރައީސް ޞޯލިޙް ވިދާޅުވިއެވެ.



