ޤައުމުގެ އިޤްތިޞާދުގައި ދިރުމެއް ނެތީވިއްޔާ، އެ ޤައުމެއްގެ މިނިވަންކަމަށް އަބަދުވެސް ދާނީ ނުރައްކާތައް ކުރިމަތިވަމުންކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ޞޯލިޙް މިފަދަ ގޮވާލެއްވުމެއް ގޮވާލެއްވީ މިއަދު ފާހަގަކުރަމުންދާ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހި ޤައުމާ މުހާޠަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން މިއަދު ހެނދުނެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމަށް 55 އަހަރު ފުރުމުގެ އުފާވެރި މުނާސަބަތާއި ގުޅިގެން ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ، ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދު އޮތީ ކަރުތާ ފެނުން ގަންބާލައިފައިކަމަށާއި، މި ޙާލަތަށް ޤައުމު ގޮސްފައިވާ ދުވަސްވަރެއްގައި، މިނިވަން ދުވަސް ފާހަގަކުރާއިރު، ވިސްނުމަށް އަންނަނީ، ޤައުމުގެ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި، ދިވެހިންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތުގެ ބޮޑުކަން ކަމަށެވެ.
އެގޮތުން އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގެ ގިނަކަމާއި، ވާންޖެހިފައިވާ ޤުރްބާނީގެ މަތިވެރިކަމުގެ އިތުރުން ޤައުމެއްގެ މިނިވަންކަމަށް ނުރަނގަޅު ނުފޫޒުތައް ފޯރުމުގައި، އެންމެ އިސް ދައުރެއް އަދާކުރާ އެއްކަމަކީ، އިޤްތިޞާދަށް ކުރިމަތިވާ ހީނަރުކަންކަމަށެވެ. އެހެންކަމުން ޤައުމުގެ އިޤްތިޞާދުގައި ދިރުމެއް ނެތީވިއްޔާ، އެ ޤައުމެއްގެ މިނިވަންކަމަށް އަބަދުވެސް ދާނީ ނުރައްކާތައް ކުރިމަތިވަމުންކަމަށް ރައީސްވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް، ސުމުއްވުލްއަމީރު އަލްމަރުޙޫމް މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ވިދާޅުވި ވާހަކައަކަށް އަލިއަޅުވާލާފައިވެއެވެ. އެގޮތުން ރައީސް ވިދާޅޫވީ، ސިޔާސީ މިނިވަންކަން ލިބިފައި އޮތަސް، ޙަޤީޤީ މިނިވަންކަމަކީ ކޮބައިކަން ހާމަކޮށްދެއްވަމުން، ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް ވިދާޅުވީ، މިނިވަންކަމުގެ މަތިވެރި ނަމުން، ލިބުނަސް ނަމެއް ސިޔާސަތުން، މިނިވަންކަމުގެ ޙަޤީޤަތީ، ކެރިފޯރުމޭ ގޮވާނަމޭ ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު މިހާރުވެސް ބިނާވެފައި އޮތީ، ދިވެހިން ތަރައްޤީކުރި ދެ ޞިނާޢަތެއްގެ މައްޗަށްކަމަށެވެ. އެގޮތުން ދޮށީގެ މަސްވެރިކަމަކީ، މުޅި ދުނިޔެއިންވެސް ފާހަގަކޮށްލެވޭ، ދިވެހިންގެ އަމިއްލަ އުފެއްދުމެއް. ކަމަށާއި އަދި ރާއްޖޭގެ ފަތުރުވެރިކަމަކީވެސް، ދިވެހިންގެ އަމިއްލަ ވިސްނުމުގެ މައްޗަށް ތަރައްޤީކޮށް، ދުނިޔޭގެ މަޤްބޫލުކަން ހޯދާފައިވާ ޞިނާޢަތެއްކަމަށެވެ. އަދި އެމަނިކުފާނު ޤަބޫލުކުރާ ގޮތުގައި، މިއީ އިޤްތިޞާދީ ޙަރަކާތްތައް ސިންދަފާތު ކުރުމަށް އަމާޒު ހިފަންވީ ވަގުތުކަމަށާއި އަދިއިޤްތިޞާދީ ޙަރަކާތްތަކުގައި ޒުވާނުންނާއި އަންހެނުންގެ ބައިވެރިވުން އިތުރުކުރަންވީ ވަގުތުކަމަށެވެ. އަދި ރާއްޖޭގެ އެއްގަމާއި ކަނޑުގައިވާ، ޤުދުރަތީ ވަސީލަތްތަކުގެ ނަފާ އިތުރުކުރުމުގެ މަސައްކަތް ފަށަންވީ ވަގުތުކަމަށް ރައީސް ވިދާޅުވިއެވެ.




