"ދިވެހިރާއްޖޭގެ މިނިވަންކަމުގެ ސިއްރަކީ ކާބަފައިންގެ ހިކުމަތު އަމަލީ"

ދިވެހިރާއްޖޭގެ 55 ވަނަ މިނިވަން ދުވަސް މިއަދު ފާހަގަ ކުރަމުންދާއިރު، ދިވެހިރާއްޖޭގެ މިނިވަންކަމުގެ ސިއްރަކީ ކާބަފައިންގެ ހިކުމަތު އަމަލީ ގެ މަސައްކަތްކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ 55 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ފަހުރުވެރި ދިގު ތާރީހެއްއޮތް ދިވެހިރާއްޖޭގެ މިނިވަންކަމުގެ ސިއްރަކީ ކާބަފައިންގެ ހިކުމަތު އަމަލީ. މި މިނިވަންކަން މިގޮތުގައި އަންނަ އޮތް ޖީލުތަކަށް ގެންގޮސްދިނުމަކީ އަޅުގަނޑުމެންގެ ބޮޑު ވާޖިބެއް" މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ، މި ވާޖިބު އަދާކުރުމުގައި އެންމެ ބޮޑު އެއް ރޯލެއް އަދާކުރާ ބަޔަކީ ދިވެހި ސިފައިން ކަމަށާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލް ދެމެހެއްޓުމަށްޓަކައި ދިވެހި ސިފައިންވެފައިވާ ގުރުބާނީ އަދި ވަމުންދާ ގުރުބާނީ ފާހަގަ ކުރައްވާ ކަމަށެވެ. އަދި މިގޮތުގައި ސިފައިން އަބަދުވެސް ދެމިތިބޭނެކަމުގެ ފުރިހަމަ ޔަގީންކަން ދިވެހިރައްޔިތުންނަށް އަރުވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ދިވެހި ރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ، 1887މ ގައި އައްސުލްޠާން މުޙައްމަދު މުޢީނުއްދީން (ދެވަނަ) އިގެ ރަސްކަމުގައި އިނގިރޭސި ސަރުކާރާ ދިވެހި ރާއްޖެއާ ދެމެދު ވެވުނު ހިމާޔަތުގެ އެއްބަސްވުން 1965މ ގައި އުވާލެވި، ދިވެހި ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނު ދުވަހުގެ ގޮތުގައެވެ.

ނަމަވެސް އައްޑޫ 'ގަން' އިނގިރޭސި ސިފައިން ދިވެހި ދައުލަތާ ހަވާލުކުރި ދުވަހަކީ މާރިޗް މަހުގެ 29 ކަމުން އިބްރާހިމް ނާސިރުގެ ވެރިކަމުގެ އެންމެ ފަހު ދެ އަހަރު މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރީ މާރޗް 29 އެވެ. އެދުވަހަކަށްފަހު މުޅި ދިވެހިރާއްޖޭގައި ދިވެހި ސަރުކާރުގެ ސިޔާދަތު ހިނގަންފެށި ދުވަހެވެ. ނަމަވެސް މައުމޫން ޢަބްދުލް ޤައްޔޫމުގެ ވެރިކަމުގައި އަނެއްކާވެސް މިނިވަން ދުވަހަކީ ޖުލައި 26 ކަމުގައި ކަނޑައެޅުނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ