މަނީ ލައުންޑްރިން ހުކުމް އިއްވައި ޔާމީން ޖަލަށް ގެންދަނީ | ފޮޓޯ : މިހާރު

ވަކީލުންގެ ބައްދަލުވުމަށް ހުރަހެއް ނާޅަން: ކަރެކްޝަންސް

5 އަހަރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުން އަންނަ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއަށް އެމަނިކުފާނުގެ ވަކީލުންނާއި ބައްދަލުކުރުމަށް ހުރަސްއަޅާފައި ނުވާނެކަމުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ވިދާޅުވެއްޖެއެވެ.

ކަރެކްޝަނަލް ސަރވިސް އިން މިހެން ވިދާޅުވެފައި މިވަނީ ރައީސް ޔާމީން އާއި އެމަނިކުފާނުގެ ވަކީލުންނާއި ބައްދަލު ނުކުރެވޭ ކަމަށް ވިދާޅުވެ، ޔާމީންގެ ވަކީލުންގެ ޓީމުން އިއްޔެ ނޫސްބަޔާނެއް ނެރެފައި ވަނިކޮށެވެ. އެ ނޫސް ބަޔާނުގައި ވިދާޅުވެފައި ވަނީ މާޗު މަހުގެ ފަހުކޮޅުން ފެށިގެން، ރައީސް ޔާމީން އަށް ވަކީލުންނާ ބައްދަލުކުރައްވައި، ގާނޫނީ ލަފާ ހޯއްދެވުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ހުރަސް އަޅަމުން ގެންދާ ކަމަށެވެ.

ނަމަވެސް މިކަން ދޮގުކޮށް ކަރެކްޝަންސް އިން މިއަދު ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައި ވަނީ ޢަބްދު ޔާމީން ޢަބްދުލްޤައްޔޫމްގެ ވަކީލުންގެ ފަރާތުން މާލޭ ޖަލަށް ހުށަހެޅި ފޯމާ ގުޅިގެން ޢަމަލުކުރަންވީ ގޮތުގެ އިރުޝާދު މާލޭ ޖަލުން ވަކީލުންނަށް ދީފައި ވާނެކަމަށާއި ނަމަވެސް މާލޭ ޖަލުން ދީފައިވާ އިރުޝާދަށް ޢަމަލުނުކޮށް، ޙަޤީޤަތް އޮޅޭ ފަދަ ގޮތަކަށް މައުލޫމާތު ފެތުރުމަކީ، އެކަމާ މެދު އެ ސަރވިސްއިން ކަންބޮޑުވާ ކަމެއްކަމަށެވެ.

ކަރެކްޝަންސް އިން ވިދާޅުވެފައި ވަނީ ވަކީލު ބައްދަލުވުމާ ގުޅޭ ގޮތުން، އެ ސަރވިސްއިން އިސްވެ، ޤައިދީގެ ޤާނޫނީ ވަކީލުންނަށް 14 ޖުލައި 2020 ފޮނުވި ސިޓީގައި ބައްދަލުވުމަށް އެދުމުން ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން ބައްދަލުވުން ހަމަޖެއްސައި ދޭނެ ކަމަށް ސާފުކޮށް ދަންނަވާފައި ވާނެ ކަމަށެވެ. އަދި ވަކީލު ބައްދަލުވުމަށާއި އެހެނިހެން ބައްދަލުވުންތަކަށް އެދޭ ފޯމުތައް މިހާލަތުގައި އީމެއިލް މެދުވެރިކޮށް ކޮންމެ ވަގުތެއްގައި ވެސް އެ ސަރވިސްއަށް ފޮނުވޭނެ އިންތިޒާމް ހަމަޖައްސާފައި ވާކަން އާންމުކޮށް އިޢުލާނު ކޮށްފައިވާނެ ކަމުގައި އެސަރވިސް އިން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ކޮވިޑް 19 ހާލަތާ ގުޅުވައި ޤާނޫނީ ވަކީލުންނާއި، އެހެނިހެން ބައްދަލުވުންތަކަށް އެދި އެސަރވިސްގެ [email protected] އަށް އީމޭލް ކުރުމުން ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އެބައްދަލުވުމެއް އިންތިޒާމް ކޮށްދެވޭނެ ކަމުގައިވެސް ކަރެކްޝަންސް އިން ވަނީ ވިދާޅުވެފައެވެ.

ހަމައެހެންމެ، މިކަމާއި ގުޅޭ މަޢުލޫމާތު ގައިދީ އަށާއި ޤާނޫނީ ވަކީލުންނަށް ދީފައި ވާނެކަމުގައިވެސް ކަރެކްޝަންސް އިން ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ