ކޮވިޑް-19ގެ މިނުރައްކާތެރި ހާލަތުގައި ގޭގެއަށް ޒިޔާރަތް ނުކޮށް، ބޮޑެތި އެއްވުންތަކާއި ޙަފްލާތައް ނުބާއްވާ، އަޟްޙާ ޢީދުގެ ތަހުނިޔާ ބަދަލު ކުރުމުގައި ސަމާލުކަން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އިލްތިމާސް ކުރައްވައިފިއެވެ.
ރައީސް މިކަންކަމަށް އިލްތިމާސްކުރެއްވީ މިއަހަރުގެ އަޟްޙާ ޢީދުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތާބުގައެވެ.
އެމަނިކުފާނު ވިދާޅުވީ، މިއަހަރުގެ އަޟްޙާ ޢީދު ދުވަސް އަޅުގަނޑުމެންނާ މި ބައްދަލުކުރީ، މިހާރު ދުނިޔެއަށް ފެތުރިފައިވާ ކޯވިޑް-19ގެ ސަބަބުން، މުޅި އިންސާނިއްޔަތު ވަރަށް ހިތްދަތި ތަޖުރިބާތަކެއް ކުރަންޖެހިފައިވާ ދުވަސްވަރެއްގައި ކަމަށާއި އެކަމުގެ ސަބަބުން، މުސްލިމުންގެ އަޅުކަންތަކަށްވެސް ބުރޫއަރައި، އިސްލާމީ އުންމަތްވެސް ތަޙައްމަލް ކުރަމުން މިދަނީ، ވަރަށް ހިތްދަތި ދުވަސްތަކެއް ކަމަށެވެ. ނަމަވެސް، މިފަދަ ދުވަސްވަރެއްގައި އުފާވެރި ޢީދަކާ ބައްދަލުވުމީ، ކޮވިޑް-19ގެ ސަބަބުން ހީނަރުވެފައިވާ ގުޅުންތައް، އަލުން ބަދަހިކޮށް އާލާކުރުމަށް ލިބޭ ރަނުގެ ފުރުޞަތެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އާއިލީ ގުޅުންތަކާއި ރަޙްމަތްތެރިކަމުގެ ގުޅުންތައް ބަދަހިކޮށް އާލާކުރުމުގެ ފުރުސަތު ތަނަވަސްވެފައި އެބައޮތް ކަމަށާއި، ކިތަންމެ ދުރުގައި ތިބެން ޖެހުނަސް، ގޭގެއަށް ޒިޔާރަތް ނުކުރެވުނަސް، އަދި ބޮޑެތި އެއްވުންތަކާއި ޙަފްލާތައް ނުބޭއްވުނަސް، އާއިލާގެ މީހުންގެ ހާލުއަހުވާލު އޮޅުންފިލުވައި، އީދުގެ ތަހުނިޔާ ބަދަލުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ.
"އަޟްޙާ ޢީދަކީ، މުސްލިމުންގެ މެދުގައި ގުޅުން ދެމެހެއްޓުމާއި، އެހީތެރިވުމާއި، އެއްބާރުލުމުގެ އިތުރުން، އެތައް ޤުރުބާނީއެއްގެ ޒިކްރާ އައުކޮށްދޭ މަތިވެރި މުނާސަބަތެކެވެ. މިއީ ޤައުމެއްގެ ނިސްބަތުން ބަލާއިރު، މިއަދުގެ ޙާލަތުގައި، ވަކިން ޚާއްޞަގޮތެއްގައި އަޅުގަނޑުމެން ސަމާލުކަން ދޭންވީ ކަންކަމެވެ. މިއީ މުޖުތަމަޢުގެ ހަމަޖެހުމާއި ޞުލްޙަވެރިކަން ދެމެހެއްޓުމުގެ މުހިންމުކަން އަޅުގަނޑުމެންގެ ހަނދާނަށް ގެނެސްދޭ ޢީދެކެވެ. އެހެންކަމުން ޙައްޖުގެ މަތިވެރި އަޅުކަމާއި، އަޟްޙާ ޢީދާ ގުޅިފައިވާ މިފަދަ މަތިވެރި ޙިކްމަތްތައް އަޅުގަނޑުމެންގެ ހިތްމައްޗަށް ގެނެސް، އެކަކު އަނެކަކަށް މަޢާފުކޮށް، އަޚްވަންތަކަމުގެ ގުޅުން ކުރިއަށް ނެރެ، ޞުލްޙަޔާއި ހަމަޖެހުމަށް އިސްކަން ދެއްވުމަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ." ރައީސް ވިދާޅުވިއެވެ.
ޢާއިލާގައި ހިމެނޭ، ޢުމުރުން ދުވަސްވީ މީހުންނާއެކު، ފޯނުގެ ޒަރީޢާއިންވިޔަސް ވަގުތުކޮޅެއް ހޭދަކޮށްލައި، އެމީހުންގެ ޝުޢޫރުތަކާއި އިޙްސާސްތައް އަޑުއަހައިލުމަކީ، މިފަދަ އުފާވެރި ދުވަހެއްގައި ޢާއިލީ ގުޅުންތައް ދެމެހެއްޓުމަށް ވަރަށް މުހިންމު ކަމެއް ކަމަށްވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
މިހާރު ތަޖުރިބާކުރަންޖެހިފައި މިވާ، އިގްތިސާދީ އަދި އިޖުތިމާޢީ ދަތިކަމުން އަވަހަށް ސަލާމަތްވެ، ދިރިއުޅުމުގެ ޢާންމު ޙާލަތަށް އެނބުރި ދިއުމަށްޓަކައި، ސިއްހީ ހިދުމަތްތެރިންގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް، އަމަލުތައް ބެހެއްޓުމަށް އިލްތިމާސް ކުރާ ކަމަށާއި އަދި އިޖުތިމާއީ ގައިދުރުކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުމާއެކު، އާންމުންގެ ތެރެއަށް ނުކުމެ އުޅުން ވީވަރަކުން މަދުކުރެއްވުމަކީ، ކޮވިޑް-19 ފެތުރޭ މިންވަރު ދަށްކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.



