މަޝްހޫރު ލަވަކިޔުންތެރިޔާ ޒޭން މަލިކް އާއި ސުޕަރ މޮޑެލް ޖިޖީ ހަޑިޑް، އެ ދެމީހުންގެ އަލަތު ދަރިފުޅު ދުނިޔެއަށް އުފަންވާނެ އިންތިޒާރެއްގައި ހުރިއިރު، މި ދެމީހުންގެ ގުޅުން ކުރިއަށްވުރެވެސް ގާތްވެފައި މިހާރު ފުރިހަމަ އެވެ.އެގޮތުން މި ދެމީހުން މިހާރު ގިނަ ވަގުތުތައް އެކުގައި ހޭދަކުރާއިރު، ދެމީހުން އެކުގައި ވަރަށް ލޯބިން ތިބި ފޮޓޯއަކަށް ގިނަބަޔެއްގެ ސަމާލުކަން ލިބިއްޖެއެވެ.
ޖިޖީ އިންސްޓަގްރާމް ގައި ހިއްސާކުރި މި ފޮޓޯއަކީ، އަލަތު ދަރިފުޅަށް ބަނޑުބޮޑުވުމަށްފަހު ޖިޖީ އާއި ޒޭން އެކުގައި ފޮޓޯއަކުން ފެނުނު ފުރަތަމަ ފޮޓޯއެވެ. މި ފޮޓޯގެ ކެޕްޝަންގައި ޖިޖީ ލިޔެފައިވަނީ، "ބެބީ ޑެޑީ" މިހެންނެވެ.
ޖިޖީ މީގެކުރިން ވަނީ، އޭނަގެ ބަނޑުބޮޑޫ ފޮޓޯއެއްވެސް އިންސްޓަގްރަމް މެދުވެރިކޮށް ފޭނުންނަށް ދައްކާލައިފައެވެ.
މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ޖިޖީ ޒޭންގެ ދަރިއަކަށް ބަލިވެ އިން ޙަބަރު ފެތުރުނުއިރު، މި ޙަބަރު ވެގެންގޮސްފައި ވަނީ ގިނަ ބަޔަކު ސިއްސުވާލި ހަބަރަކަށްވެސްމެއެވެ. އެގޮތުން ޖިޖީ ބަނޑުބޮޑުކަން އޭނާ ޔަޤީންކޮށްދިނީ، ޖިމީ ފެލަންގެ “ދަ ޓުނައިޓް ޝޯ” ގައި ވާހަކަ ދައްކަމުންނެވެ.
އެއަށްފަހު މީޑިއާގެ ސަމާލުކަން ކުރިއަށްވުރެ އިތުރަށް މި ދެ ތަރިންނަށް ހުއްޓިފައިވާއިރު، މިދެމީހުން ގުޅުން އިތުރަށް ވަރުގަދަ ވެފައިވާކަމަށް ޙަބަރުތަކުގައި ވެއެވެ. އެގޮތުން ކޮވިޑް-19 ގެ ޕެންޑެމިކް އާއިއެކު، ލޮކްޑައުންވިއިރު، މި ދެމީހުން ހުރީ ޕެންސިލްވެނިއާގައި ޖިޖީގެ އާއިލީ ފާމް ހައުސްއެއްގައި ޖިޖީގެ މަންމަ އާއިއެކު އެވެ. އަދި މިހާރުވެސް މި ދެ ތަރިން ގިނަ ވަގުތުތައް ހޭދަކުރަނީ އެ ގޭގައެވެ. އަދި ޙަބަރު ލިބޭގޮތުގައި، ޖިޖީ އޭނަގެ މާބަނޑު ދުވަސްތައް ކުރިއަށް އޮތްތާގައިވެސް ހޭދަކުރާނީ، އެގޭގައެވެ.
ޒޭން އާއި ޖިޖީ އަށް ލިބެން އުޅެނީ އަންހެން ކުއްޖެކެވެ. އަދި ޖިޖީ ވިހާނީ، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށް މި ދެ ތަރިން ވަނީ ހާމަކޮށްފައެވެ.
މި ދެތަރިން އެންމެ ފުރަތަމަ ޑޭޓް ކުރަން ފަށާފައިވަނީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އޭގެ ފަހުންވެސް ދެތިން ފަހަރަކު ދެމީހުން ރުޅިވިކަމުގެ ހަބަރުތައް ފެތުރުނުއިރު، ދެމީހުން ރުޅިވިކަން ރަސްމީކޮށް އިއުލާންކުރީ 2019 ވަނަ އަހަރުގެ ޖެނުވަރީ މަހުއެވެ. އޭގެ ކުރިންވެސް އެކި ފަހަރުމަތިން ދެމީހުން އަލުން ގުޅުނު ކަމުގެ ހަބަރުތައް ފެތުރުނެވެ. އެހެންނަމަވެސް މިހާރު މި ދެމީހުން ދިރިއުޅެމުން ދަނީ އެކުގައި ވަރަށް ލޯބިންނެވެ.




