އެމެރިކާއިން ޓިކްޓޮކް ބޭން ކޮށްލަނީ!

ޗައިނާއިން އުފެއްދި މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމުގައިވާ "ޓިކްޓޮކް" އެމެރިކާއިން ބޭން ކޮށްލާނެކަމަށް ބުނެ، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ބިރުދައްކައިފިއެވެ.

"ޓިކްޓޮކް" އަކީ، ފިލްމް، އަދި ކުދި ވީޑިއޯތައް މިއުޒިކް އާއެކު ހެދާ މީހުންގެ ހުނަރުވެރިކަން ދެއްކުމަށް ޗައިނާގެ ކުންފުނި "ބައިޓްޑާންސް" އުފައްދާފައިވާ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަންއާއި އެމެރިކާއާއި ދެމެދު ހަމަނުޖެހުންތައް އުފެދުނީ، ޓިކްޓޮކަކީ ޖާސޫސުކުރުމަށް ބޭނުންކުރާ ވަސީލަތެއްކަމަށް އެމެރިކާގެ އޮފިޝަލުން ތުހުމަތުވެސް ކޮށްފައިވަނިކޮށެވެ. އަދި، އެއީ ގައުމުގެ ރައްކާތެރިކަމަށް އޮތް ނުރައްކަލެއް ކަމަށްވެސް ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން، ޓްރަމްޕް ބުނެފައިވަނީ، މައިކްރޯސޮފްޓް ނުވަތަ އެހެން ކުންފުންޏަކުން ޓިކްޓޮކް ނުގަނެފިނަމަ، މިއަންނަ ސެޕްޓެމްބަރު 15 ގައި  ޓިކްޓޮކް އެ ގައުމުން ބޭން ކުރާނެކަމަށެވެ.

ޓްރަމް ބުނީ، އެ ކުންފުނީގެ 30% ގަތުމަށްވުރެ، އެ އެޕްލިކޭޝަން އެއްކޮށް ގަތުން މާ ރަނގަޅުވާނެކަމަށާއި، އަދި އެމެރިކާގެ ކުންފުންޏަކުން އެޕްލިކޭޝަން ގަތުމަކީ، މާ ރައްކާތެރި ކަމެއް ކަމަށެވެ.

މައިކްރޯސޮފްޓް އިން މިކަމާއި ގުޅޭގޮތުން ޓޮކްގެ މައިކުންފުނި ބައިޓް ޑާންސް އާއި މަޝްވަރާތަކެއް ކޮށްފައިވާއިރު، މައިކްރޯސޮފްޓް ބުނީ، އެމެރިކާއިން ޓިކްޓޮކް ބޭނުންކުރާ މީހުންގެ މައުލޫމާތުތައް އެ ގައުމުން ބޭރު ނުވާނެކަމުގެ ޔަޤީންކަން ދޭކަމަށެވެ. އަދި، އެފަދަ ކަމެއް ހިނގާފައިވީނަމަވެސް، އެ މައުލޫމާތުތައް ފޮހެލާނެެކަމުގެ ޔަޤީންކަންވެސް ދޭކަމަށެވެ.

އެމެރިކާގައި ޓިކްޓޮކް ބޭނުންކުރާ މީހުންގެ އަދަދު 80 މިލިއަނަށް އަރާއިރު، 180 މިލިއަނަށްވުރެ ގިނަ ފަހަރު މި އެޕްލިކޭޝަން އެ ގައުމުން ޑައުންލޯޑްކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ