ރާއްޖެއަށް ޖަޕާނުން 19 މިލިއަން ރުފިޔާގެ އަގުހުރި 24 ސްކޮލަރޝިޕް ދީފިއެވެ.
މި ސްކޮލަރޝިޕްތައް ދީފައިވަނީ މިއަދު ސޮއި ކުރެވުނު ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު ރާއްޖޭގައި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމާ ބެހޭ އެއްބަސްވުމެއްގައެވެ.
ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދެވެ. އަދި ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ އެވެ.
މި އެއްބަސްވުމުގެ ދަށުން 4 އަހަރުގެ މުއްދަތަށް، ކޮންމެ އަހަރަކު ދިވެހި 6 ދަރިވަރަކަށް މަތީ ތައުލީމް ހާސިލްކުރުމަށް ޖަޕާނަށް ދިޔުމަށް ފުރުސަތު ލިބޭނެއެވެ. ޖަޕާނުން ސަރުކާރުން ވެދެއްވި މި އެހީތެރިކަމަށް ޖަޕާން ސަރުކާރަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މި ސްކޮލަރޝިޕްތަކަކީ 19 މިލިއަން ރުފިޔާގެ އަގުހުރި ސްކޮލަރޝިޕްތަކެއްކަމަށް ފޮރިންގ މިނިސްޓްރީއިން ވިދާޅުވެއެވެ.
ޖަޕާނުން ދަނީ ރާއްޖެއަށް އެކި ދާއިރާތަކުން ދީލަތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ކޮވިޑް-19 އާ ގުޅިގެން ޔުނިސެފް މެދުވެރިކޮށް 356،400 އެމެރިކާ ޑޮލަރުގެ އެހީއަކާއި، ރެޑްކްރެސެންޓް މެދުވެރިކޮށް 185،000 އެމެރިކާ ޑޮލަރުގެ އެހީއެއްގެ އިތުރުން ޔޫއެންޑީޕީ މެދުވެރިކޮށް 1.4 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއްވެސް ޖަޕާނުން ފޯރުކޮށްދީފައިވެއެވެ.
ޚަބަރާއި ފޮޓޯ: މިނިސްޓްރީ އޮފް ފޮރިންގ އެފެއާރޒް