ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރުމަށް ދެ ބޭފުޅެއްގެ ނަމާމެދު މަޝްވަރާ ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފޮނުއްވައިފި އެވެ.
އެގޮތުން މިއަދު ކުރެއްވި ޓްވީޓެއްގައި ރައީސް ސޯލިހު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް، ހދ. ކުޅުދުއްފުށި، ފިނިފެންޖަންބުގޭ ޑޮކްޓަރ މުޙައްމަދު އިބްރާހިމާއި، ދަފްތަރު ނަންބަރު ރސ 2302، އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން، ޢައްޔަންކުރުމާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަޝްވަރާއަށް މިއަދު ފޮނުވާފައިވާނެކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް، ހދ. ކުޅުދުއްފުށި، ފިނިފެންޖަންބުގޭ ޑޮކްޓަރ މުޙައްމަދު އިބްރާހިމާއި، ދަފްތަރު ނަންބަރު ރސ 2302، އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން، ޢައްޔަންކުރުމާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަޝްވަރާއަށް މިއަދު އަޅުގަނޑު ފޮނުވައިފިން.
— Ibrahim Mohamed Solih (@ibusolih) August 6, 2020
ޤާނޫނަށް ފަހުން ގެނައި އިސްލާހުގެ ދަށުން ސުޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަން ޖެހެ އެވެ. ނަމަވެސް މިހާރު ސުޕްރީމް ކޯޓުގައި ތިއްބެވީ ފަސް ފަނޑިޔާރުންނެވެ.
އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒާއި ހައިކޯޓުގެ ފަނޑިޔާރު ރައޫފު އެމަޤާމަށް އައްޔަށްކުރައްވަން ރައީސުލްޖުމްހޫރިއްޔާ މީގެކުރިން މަސައްކަތް ކުރެއްވިނަމަވެސް އެބޭފުޅުންގެ މައްސަލަތަކެއް ކުރިމަތިވެ، ޖޭއެސްސީއިން އެބޭފުޅުންނަށް ލަފާ ނުދޭން ނިންމެވިއެވެ.
ރައީސް ސޯލިހު ފޮނުއްވާފައިވާ ނަންތަކުގެ ތެރެއިން ޑރ. މުހައްމަދު އިބްރާހިމަކީ އިސްލާމިކް ކޮމާޝިއަލް ލޯ ދާއިރާއިން ޔުނިވާސިޓީއިން އޮފް މެލޭޝިއާއިން ޑޮކްޓަރު އޮފް ފިލޯސޮފީ އާއި އިންޓަނޭޝަނަލް އެންޑް ކޮމާޝަލް ލޯގެ ދާއިރާއިން އިނގިރޭސިވިލާތުން މާސްޓާސް ހައްދަވާފައިވާ ބޭފުޅެކެވެ.
އަދި ޤާޒީ އަލީ ރަޝީދު ހުސައިން އަކީ ކުރީގެ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރެއްވި ފަނޑިޔާރުކަންވެސް ފާހަގަކޮށްލެވެއެވެ.



