ކުރެންދޫގައި ފެންބޮޑުވެ 6 ގެއަކަށް ފެން ވަދެއްޖެ

ޅ. ކުރެންދޫގައި ފެންބޮޑުވެ 6 ގެއަކަށް ފެން ވަދެއްޖެއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، ބޯކޮށް ވާރޭވެހި ޅ. ކުރެންދޫގެ ބައެއް ސަރަޙައްދު ތަކުގައި ފެން ބޮޑުވެފައިވާކަމަސެވެ. އަދި އެރަށުގެ 6 ގެޔަކަށް ފެން ވަދެފައިވާއިރު، އެމްއެންޑީއެފް ނޮދާން އޭރިއާގެ ސިފައިން ޕަންޕު ބޭނުންކޮށްގެން އެގޭގެއިން ފެން ހިއްކުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ވިދާޅުވިއެވެ.

މިހާދިސާގެ ރިޕޯރޓް އެފަރާތަށް ލިބިފައިވަނީ މިއަދު ހަވީރު 04:17 ހާއިރުއެވެ.

ކުރެންދޫ ކައުންސިލްގެ ނައިބު ރައީސް ޢާއިޝަތު ވިޝާމާ މިނޫހަށް ވިދާޅުވީ، މިހާރު ކުރަމުންދާ ވިއްސާރައިގެ އެރަށުގެ ގާތްގަނޑަކަށް 12 ވަރަކަށް ގެއަކަށް ފެން ވަދެފައިވާކަމަށެވެ. އަދި އެކިގޭގެއަށް ތަފާތު ގެއްލުންތައް ލިބިފައިވާއިރު، ބައެއް ގޭގޭގެ ދޮންނަމެޝިނާއި އެނދުފަދަ ތަކެތިވެސް ހަލާކުވެފައިވާކަމަށް އެކަމަނާ ވިދާޅުވިއެވެ. ވިޝާމާ އިތުރަށް ވިދާޅުވީ، ގޭގެއަށް ލިބިފައިވާ ސީދާ ގެއްލުން މިވަގުތު ނޭނގޭކަމަށާއި، ރަށު ރައްޔިތުން މިވަގުތު މަސައްކަތްކުރަމުންދަނީ މިވިއްސާރައިގެ ސަބަބުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ގޭގެ ފެންނުވަންނާނެހެން ގޭގޭ ދޮރުމަތީގައި ވެލިބަސްތާތައް ޖެހުމުގައިކަމަށެވެ.

އަދި ވާރޭ ވެހެން ފަށާފައިވަނީ މިއަދު މެންދުރުފަހުކަމަށާއި، ހަވީރު ގަޑީ ވާރޭ ވެހުން މަޑުވިނަމަވެސް މިހާރުވެސް އެރަށަށް ބޯކޮށް ވާރޭ ވެހޭކަމަށް އެކަމަނާ ވިދާޅުވިއެވެ.

މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެކެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އެލާޓްވެސްދަނީ މިދުވަރު ނެރެމުންނެވެ. މިއަދުވެސް އުތުރުގެ އަތޮޅުތަކުގެ މޫސުން ރަނގަޅުނޫންކަމަށް އެއިދާރާއިންވަނީ ބުނެފައެވެ.

އަދި އުތުރުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން ހދ. ކުޅުއްފުށީ ސިޓީގެ ގެއެއްގެ ފުރާޅުން ބައެއްވެސް މިއަދު އެއްލާލާފައިވާކަން ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ