ކުރެންދޫގެ ބިމުގެ މައްސަލަ އަށް ހައްލެއް ގެނައުމަށް ޅ.ޅޮސްއަލިފުށި އެރަށުގެ ބައެއްގެ ގޮތުގައި ހަމަޖައްސަނީ

ޅ.ކުރެންދޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމާ ބިމުގެ ދަތިކަމުގެ މައްސަލައަސް ހައްލެއް ގެނައުމަަށް ޅ.ޅޮސްއަލިފުށި ކުރެންދޫގެ ބައެއްެ ގޮތުގައި ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސުލްޖުމްޖޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ މިހާރު ފާދިއްޕޮޅަށް ކުރައްވަމުން ގެންދަވާ ދަތުުރުފުޅުގެ ތެރެއިން އެއަތޮޅު ކުރެންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ކުރެންދޫއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބިމުގެ ޖާގައިގެ ދަތިކަންކަމަށާއި، މި މައްސަލަ ހައްލުކޮށްދެއްވުމަށް ސަރުކާރުން އިސްކަންދެއްވައިގެން މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، ރަށުގައި ހައުސިންގ މަޝްރޫއެއް ހިންގަން ބެލިނަމަވެސް ޖާގަ ނެތްކަމަށާއި، މިހާރު އެރަށުގައި ކުރިއަށްގެންދާ 50 ހައުސިން ޔުނިޓަކުން އެރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ފުރިހަމަ ހައްލެއް ލިބިގެން ނުދާނެކަމަށެވެ. އެހެންކަމުން، އެރަށް ކައިރީގައި އޮތް ޅޮސްއަލިފުށި އެރަށުގެ ބަޔަކަށް ހެއްދެވުމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދު ފުއްދެވުމަށް މަސައްކަތް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ޅޮސްއަލިފުއްޓަކީ ކުރީގެ ސަރުކާރަކުން އެހެން މަޝްރޫއެއްގެ ބޭނުމަށް ހަވާލުކޮށްފައި އޮތް ރަށެއް ކަމަށާއި، އެފަރާތުން ދެ ޕާޓީއަކާ އެކު އެގްރިމަންޓް ހަދާފައިވާތީ، ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ދައުލަތަށް ގެއްލުން ނުވާނެ ގޮތަކަށް އެ އެގްރިމަންޓްތައް ބާތިލުކޮށް، ރަށް ދައުލަތަށް ނަގާނެ ކަމަށެވެ.

"އަޅުގަނޑު ވާނީ ރައްޔިތުންނަށް ދަންނަވާފައި މިތާކައިރީގައި އޮތް ޅޮސްއަލަފުށި މިރަށުގެ ބަޔަކަށް ހެދުމަށް މަސައްކަތް ކޮށްދޭނެކަމަށް. އެ މަސައްކަތް ކުރަމުން މިދަނީ. އިނގިވަޑައިގަންނަވާނެފަދައިން އެރަށަކީ ކުރީގެ ސަރުކާރަކުން އެހެން މަޝްރޫއެއްގެ ބޭނުމަކަށް ހަވާލުކޮށްފައި އޮތް ރަށެއް. އެހެންވީމަ އެފަރާތުން 2 ޕާޓީއަކާއިއެކު އެގްރިމަންޓް ހަދާފައި އޮތް ރަށަކަށް ވާތީ އެގްރިމަންޓްގެ ޓާމްސްތަކާއި ގާނޫނުތަކާއި ގަވައިދުތަކުގެ ތެރެއިން އެރަށް ދައުލަތައް ގެއްލުން ނުވާގޮތައް ނަގާ ތިބޭފުޅުންނަށް އަޅުގަނޑު ދެންނެވި ފަދައިން ހަވާލުކުރުމުގެ މަސައްކަތް އެބަ ކުރިއަށްދޭ." ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ރައީސް ވިދާޅުވީ ކުރެންދޫ ރައްޔިތުން ބޭނުންވާ ގޮތަށް ރަށުގެ ތަރައްޤީގެ އެހެން މަސައްކަތްތައް ވެސް ކުރިއަށްގެންދަވާނެ ކަމަށެވެ. އެގޮތުން، ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ވެސް ރައްޔިތުން ބޭނުންވާ ގޮތަށް ކޮށްދެއްވާނެ ކަމަށާއި، މަގުހެދުމާއި، ސިއްހީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތް ވެސް ރައްޔިތުން ބޭނުންވާ ގޮތަށް ނިންމަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ