ނޮޅިވަރަމު ޒުވާނުން ފުޓުސެލް ކުޅޭ ސަރަހައްދު.... ~ ފޮޓޯ: ފެށުން

ނޮޅިވަރަމު ފުޓުސަލް މުބާރާތް މަގުމަތީގައި! ރަށްމެދުގައި...

ހދ ނޮޅިވަރަމުގައި މިހާރު ފެށިގެން ކުރިއަށްދާ ފުޓުސަލް މުބާރާތް ކުރިއަށްގެންދަން ޖެހިފައިވަނީ މަގުމަތީގައެވެ. ރޭ މި މުބާރާތުގެ ފުރަތަމަ ތިން މެޗު ކުޅުނުއިރު، ކުޅިފައިވަނީ ހަރު ބިމުގައި، ހިރަފުހުގެ ތެރޭގައެވެ.

ގިނައަދަދެއް ހުނަރުވެރި ކުޅުންތެރިންތަކެއް އުޅޭ މި ރަށުގައި ކުޅެން އަރާނެ ދަނޑެއް ނެތެވެ. ކުޅެންޖެހެނީ މަގުމަތީގައި ދޮންވެލިން ދަނޑު ކުރަހައިގެންނެވެ. ކައިރި ގެއަކުން ކަރަންޓު ނަގައި، ވަގުތީގޮތުން ލައިޓު ޖަހައިގެންނެވެ. މި ނޫން ގޮތަކަށް މި ރަށުގައި، ރޭގަނޑު މެޗެއް ކުރިއަށް ގެންދެވޭކަށް ނޯވެއެވެ.

މިރަށުގައި 2015 ވަނަ އަހަރު އަޅަންފެށި ފުޓުސަލް ދަނޑެއް އެބައޮތެވެ. އަދިވެސް ދަނޑުގެ މަސައްކަތް ނިންމާލެވިފައެއް ނުވެއެވެ. އެ ދަނޑުގައި ޓާފުއަޅައިދޭނެ ބަޔަކު ހޯދަން ކުރި އިއުލާނަށް މި މެއި މަހުގެ 16 އަށް ވަނީ މުއްދަތު ހަމަވެފައެވެ.

ކުޅިވަރު ދަނޑެއް ނެތުމަކީ، ކުލަބު ޖަމިއްޔާތަކާއި ސަރުކާރުގެ އިދާރާތަކަށް އަދި ސުކޫލަށް ވެސް ކުރިމަތިވެފައިވާ ވަރަށް ބޮޑު ދައްޗެކެވެ. މި ކަމުގެ ސަބަބުން، ނޮޅިވަރަމުގެ 2500 އަށްވުރެ ބޮޑު އާބާދީގެ، ދުޅަހެޔޮކަމާ ކަސްތަރަށް، މިކަމުގެ ނޭދެވޭ އަސަރު ދަނީ ކުރަމުންނެވެ. މި މައްސަލައަށް އަވަސް ހައްލެއް ނުލިބިއްޖެނަމަ، ޤައުމަށް ރަންވަނަ ވަނަތަކެއް ހޯދައިދެވޭނެ، ހުނަރުވެރި އެތައް ޖީލެއްގެ މުސްތަޤުބަލު ގެއްލިގެން ހިގައިދާނެއެވެ.

މުބާރާތް ފެއްޓި މެޗުގެ ކުރިން ކުޅުންތެރިން،ސަލާން ކުރަނީ... ފޮޓޯ: ފެށުން

މިހާރު ކުރިއަށްދާ މި މުބާރާތަކީ ޒުވާނުންތަކެއް އިސްނަގައިގެން "ޅިޔަންސް 3 އޮން 3" ގެ ނަމުގައި ކުރިއަށްގެންދާ މުބާރާތެކެވެ، ދެ ސެމީ ފައިނަލާއި ފައިނަލް މެޗާއެކު، މި މުބާރާތުގައި 15 މެޗު ކުޅޭނެއެވެ. 8 ޓީމު ބައިވެރިވެފައިވާ މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މެއި 24 ވާ ހުކުރު ދުވަހުގެ ރެއެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ