އިންސާނީ ވަގުފާރިއަށް ތުހުމަތުކުރެވޭ 24 ކުންފުންޏެއްގެ މައްސަލަ ތަޤްޤީޤު ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހަޅައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، ގިނަ މަޝްރޫއުތަކަކަށް ބިދޭސީން ގެނައުމުގައި ސައްޙަ ނޫން ލިޔެކިޔުންތައް ހުށަހަޅާފައިވުމާއި، އަދި އެ މައްސަލަތަކުގައި އިންސާނީ ވަގުފާރިއަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ހުރުމާއި ގުޅިގެން، އިމިގްރޭޝަނުން ދިރާސާކުރަމުންދިޔަ 67 ކުންފުންޏެއްގެ ތެރެއިން 24 ކުންފުންޏެއްގެ މައްސަލަ ދިރާސާކޮށް، އެ މައްސަލަތައް ތަޙްޤީގުކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވަނީ އިއްޔެ ކަމަށެވެ.
"މި މައްސަލަތައް ތަޙްޤީޤު ކުރުމަށް ފޮނުވުނީ މައްސަލަތަކާއި ގުޅިގެން މޯލްޑިވްސް އިމިގްރޭޝަނުން ލިބެންހުރި، ތަޙްޤީޤަށް ބޭނުންވާނެ އެންމެހާ މަޢުލޫމާތާއި އެކު. 24 ކުންފުނީގެ އިސްވެރިންނާއި، ތުހުމަތުކުރެވޭ ކަންކަމުގައި ސާމިލުފައިވާކަމަށް ބެލެވޭ އެންމެހާ ފަރުދުންގެ މަޢުލޫމާތުވެސް ވާނީ ހިއްޞާކޮށްފައި." އިމިގްރޭޝަނުން ވިދާޅުވިއެވެ.
އިމިގްރޭޝަނުން ވިދާޅުވީ، މި މައްސަލަތަކުގެ ތަޙްޤީޤު ނިމެންދެން އެ 24 ކުންފުނީގެ ޙިއްސާދާރުންނާއި، އެ މައްސަލަތާއި ގުޅުންހުރި އެންމެހާ ފަރާތްތަކަށް އިމިގްރޭޝަނުން ފޯރުކޮށްދެމުންއައި ބިދޭސީންނާއި ގުޅުންހުރި އެންމެހާ ޚިދުމަތްތައް މެދުކަނޑާލާފައިވާ ކަމަށެވެ.
މީގެ އިތުރުން ބިދޭސީންނާ ގުޅުންހުރި މިފަދަ މައްސަލަތައް ހުއްޓުވުމަށްޓަކައި އިމިގްރޭޝަނުން ދިރާސާކުރަމުންދާ އެންމެހާ ކުންފުނިތަކާއި ފަރުދުންގެ މަޢުލޫމާތު މިނިސްޓްރީ އޮފް އިކޮނިމިކް ޑިވެލޮޕްމަންޓާ ޙިއްޞާކުރެވިފައިވާކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ.
"އިމިގްރޭޝަނުގެ މަޤުޞަދަކީ މުވައްސަސާއިން ދެމުންދާ ޚިދުމަތްތައް ރައްޔިތުން ޤަބޫލުކުރާ ފެންވަރަށް ގެނައުމާއި، ދެފުށް ފެންނާނޭހެން ޚިދުމަތްތައް ފޯރުކޮށްދިނުން." އިމިގްރޭޝަނުން ވިދާޅުވިއެވެ.




