އައްޑޫ ސިޓީއިން އަންހެނަކު ކޮވިޑް-19 އަށް ޕޮޒިޓިވުވެއްޖެ

އައްޑޫ ސިޓީއިން 58 އަހަރުގެ ދިވެހި އަންހެނަކު ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވާކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގެ ފަރާތުން މީޑިއާއަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ، މިމީހާ ޕޮޒިޓިވުވެފައިވަނީ އައްޑޫ ސިޓީ ހިތަދޫއިން ފުރަބަންދު ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު ކޮވިޑަށް ޓެސްޓު ކުރިއިރު ކަމަށެވެ. އަދި މިމީހާގެ ޓެސްޓު ހަދާފައިވަނީ މިއަދު ކަމަށެވެ.

އައްޑޫ ސިޓީ ހިތަދޫ އަށް އަރައި ފޭބުން ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު މަނާކޮށް އެރަށް މޮނިޓަރިންނަށް ލައިފައިވާއިރު ހިތަދޫ ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއަކުވެސް މިއަދުވަނީ ކޮވިޑު-19 އަށް ޕޮޒިޓިވް ވެފައެވެ. އަދި އައްޑޫ ސިޓީ ފޭދޫގެ ހޯމް ކަރަންޓީނުގައި ހުރި މީހަކު ވެސް ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން މުޅި ޖުމްލަ 13 ރަށެއް މިހާރުވަނީ މޮނިޓަރިންނަށް ލައިފައެވެ. މި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހއ. ކެލާ، ހއ. އިހަވަންދޫ، ހއ. ފިއްލަދޫ، ހދ. ނައިވާދޫ، ބ. ކުޑަރިކިލު، ބ. ކަމަދޫ، ރ. އިނގުރައިދޫ، ރ. ހުޅުދުއްފާރު، ޅ. ހިންނަވަރު، ކ. މާފުށި، ވ. ފުލިދޫ، ފުވައްމުލައް ސިޓީ، އަދި އައްޑޫ ސިޓީ ހިތަދޫއެވެ.

މިހާތަނަށް މުޅި ޖުމްލަ 5،000 ވުރެ ގިނަ މީހުން ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވާއިރު މިބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 2،804 އެވެ. އަދި މިބަލީގައި މިހާތަނަށް 19 މީހަކުވަނީ ނިޔާވެފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ