ބޮލީވުޑްގެ ކިންގްގެ ނަމުން މަޝްހޫރު ޝާހްރުކް ޙާން އަކީ، އަބަދުވެސް އިންސާނިއްޔަތަށް އެހީވުމަށް މަސައްކަތްކުރާ އެއް ބޮލީވުޑް އެކްޓަރެވެ. އެގޮތުން މުޅި ދުނިޔޭގައި ފެތުރެމުންމިދާ ކޮވިޑް-19 ގެ ޕެންޑެމިކްގައިވެސް އޭނާ ވަނީ، މުމްބާއީގައި ހުންނަ އޭނަގެ އޮފީސް، ވައިރަސް ޖެހިފައިވާ މީހުން އައިސޮލާޓް ކުރާނެ ތަނެއްގެ ގޮތުގައި ބީ.އެމް.ސީ ހޮސްޕިޓަލަށް ދީފައެވެ.
މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި، ކޮވިޑް ޖެހިފައިވާ ޕޭޝަންޓުން އައިސޮލާޓް ކުރާން ފެސިލިޓީއެއްގެ ގޮތުގައި ޝާހްރުކްގެ އޮފީސް ދިންއިރު، ޖުލައި15 އިން ފެށިގެން އެތަން އައި.ސީ.ޔޫ އަކަށް ބަދަލުކުރުމުގެ މަސައްކަތް ފެށުނެވެ. އެހެންކަމުން، އެތާގައި އެވަގުތު ތިބި ބަލިމީހުން އެހެންތަނަކަށް ބަދަލުކޮށްފައިވެސްވެއެވެ.
ފެސިލިޓީއެއްގެ ގޮތުގައި ޝާހްރުކް ޙާންގެ އޮފީސް އޭރު ބޭނުންކުރަމުންދިޔައިރު، އެތާގައި 66 މީހުން އެޑްމިޓް ކޮށްފައި އޮތެވެ. އަދި ބަލިން މުޅިން ފަސޭހަވުމުން 54 މީހުން ދޫކޮށްލިއިރު، ފެސިލިޓީ އައި.ސީ.ޔޫ އަކަށް އަޕްގްރޭޑް ކުރުމަަށް ބާކީ ހުރި 12 މީހުން ވަނީ އެހެން ތަނަކަށް ބަދަލުވެސްކޮށްފައެވެ.
15 އެދުގެ މި ފެސިލިޓީ އައިސީޔޫއަކަށް ބަދަލުކުރުމުގެ މަސައްކަތް ދާދިފަހަކުން ފެށުނުއިރު، މިއީ ޝާހްރުކްޙާންގެ މީރް ފައުންޑޭޝަންއާއި، ހިންދުޖާ ހޮސްޕިޓަލް އަދި ބީ.އެމް.ސީ ހޮސްޕިޓަލުން ގުޅިގެން ކުރާ މަސައްކަތެކެވެ.
ބީ.އެމް.ސީ ގެ ޑރ. އަވީނާޝް ސޫޕް، މައުލޫމާތު ދިންގޮތުގައި، މި ފެސިލިޓީ އައި.ސީ.ޔޫ އަކަށް ބަދަލުކުރެވޭއިރު، އެތާގައި ވެންޓިލޭޓަރާއި، އޮކްސިޖަން ހޮޅި އަދި މެޝިންތަކާއި، މީގެ އިތުރުން، ހައި ރިސްކް ގެ މީހުންނަށް ފަރުވާ ދެވޭނެ ގޮތްވެސް ހަމަޖެހޭނެކަމަށެވެ.
ޝާހްރުކް ހާން ގެ މި އެހީތަކުގެ ސަބަބުން، އޭނަގެ ފޭނުންނާއި އަދި އިންޑިއާގެ ރައްޔިތުން އަންނަނީ އޭނައަށް ޝުކުރު އަދާކޮށް ތައުރީފު އޮސަމުންނެވެ.




