ގުޅިފަޅުގެ ޕްލޭންއެއް ގެޒެޓްކޮށްފައި ނެތުމުން ރައްޔިތުން މަލިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.
ފުވައްމުލަކުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއު ލަސްވެގެން ދާތީ އެކަމާ ގުޅޭ ގޮތުން ސުވާލު ކުރެއްވުމަށް މިއަދުގެ ޖަލްސާއަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު އަސްލަމް މިއަދު މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވަޑައިގެން އިންނެވުމާއި ގުޅިގެނ،ް ގުޅިފަޅުން މިހާރު ހިއްކަމުންދާ ބިމުގެ ސަރަހައްދުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށްފައިވާ ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ވަނީ ސުވާލުކުރައްވާފައެވެ.
މި ސުވާލާ ގުޅިގެން އަސްލަމް ވިދާޅުވެފައިވަނީ ގުޅިފަޅުގެ ޕްލެން އެއް ޑްރާފްޓް ކުރެވިފައިވާ ކަމަށާއި މީގެ ދެތިން ހަފަތާ ކުރިން މާލެ ސިޓީ ކައުންސިލްއާއި މަޖިލީހުގެ މާލޭ ތަމްސީލު ކުރާ މެންބަރުންނާއި ބައްދަލުކޮށް ޕްލޭން ހިއްސާކޮށް މަޝްވަރާ ކުރަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
މި ވާހަކަ އާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވެފައިވަނީ ގުޅިފަޅުގެ ޕްލޭން ހެދުނު އިރު އެތަނުގައި ގޯތި ދޭ ގޮތައް ކަނޑައެޅިފައި އޮތްތޯ ނުވަތަ ނެތްތޯ އަދި އެ ޕްލޭން ހެދިގެން އަންނަ އިރު އެތަނުން ދޭން ނިންމާފައިވަނީ ކިހާ ގެއެއްތޯ މިއީ ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގެންޖެހޭ ކަމެއްކަމަށެވެ.
"ކޮންތާކުތޯ ޕްލޭން އެއް އޮތީ؟ ޕްލޭނެއް އޮތުމަކީ ޕްލޭނެއް ގެޒެޓް ކުރވިފައި އޮތުން. ޕްލޭނެއް އޮތުމަކީ އާއްމު ރައްޔިތުންނަށް އެ ޕްލޭނެއް ފެންނާން އޮތުން. އެހެންނޫނިއްޔާ އެ އޮންނަނީ ޑްރާރްޓެއް" ރައީސް ނަޝީދު ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން އަސްލަމް ވިދާޅުވެފައިވަނީ އެތަނުން 1200 ޕްލޮޓް ދޭން ހަމަޖެހިފައިވާ ކަމަށާއި، މި ދަންނަވަނީ ހަމަ ރަސްމީކޮސް މިކަން އޮތް ގޮތް ކަމަށެވެ. ގުޅިފަޅު ޕްލޭންގެ ޑްރާޕްޓެއް އެބައޮތް ކަމަށާއި ނަމަވެސް އޭގެން ގޯތީގެ އަދަދު މަދުނުވާނެ ކަމަށެވެ.
"ލޭންޑް ޔޫސް ޕްލޭން އަކީ ކޮބައިކަމާއި އެ ޕްލޭން އާއްމުކޮށް އިެުލާން ކުރެވޭ ގޮތާއި އެ ޕްލޭން އިއްޒަތްތެރި ވަޒީރުގެ މިނިސްޓްރީން އެޕްރޫވް ކޮށްފާ ނެރޭގޮތް ގާނުގައިވެސް ދަޗާއިދުގައިވެސް އެބަ އޮވޭ. މިތަނުގައި އެ ޕްލޭން އޮތް ނަމަވެސް އެ ޕްލޭން އަޅުގަނޑުމެންނަށް ފެންނަން އޮންނަ ގޮތްކަށް ބޭނުންވޭ" ރައީސް ނަޝީދު ވިދާޅުވިއެވެ.




