އައްޑޫ ސިޓީ ހިތަދޫ އިން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން އެކަން ކަށަވަރުކޮށްދެއްވާފައިވާއިރު، އެސެންޓަރުން ވިދާޅުވިގޮތުގައި އައްޑޫ ސިޓީ ހިތަދޫ އިން މިފަހަރު ޕޮޒިޓިވްވެފައިވަނީ އުމުރުން21 އަހަރުގެ ދިވެހި އަންހެނެކެވެ. އަދި ޕޮޒިޓިވްވެފައިވަނީ ފުރަބަންދު ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު ކުރި ޓެސްޓުންކަމަށްވެސް އެ ސެންޓަރުން ވިދާޅުވިއެވެ.
އަދި މިއީ ހޯމް ކަރަންޓީނުގައި ތިއްބައި އައްޑޫ އިން މި ބައްޔަށް ޕޮޒިޓިވްވި ހަތަރުވަނަ މީހާއެވެ. އޭގެތެރޭގައި ހިމެނެނީ 3 ދިވެހިންނާއި 1 ބަންގްލަދޭޝް މީހެކެވެ. އައްޑޫ އިން ޕޮޒިޓިވްވ ބަންގްލަދޭޝް މީހަކީ ފިރިހެނެކެވެ. އަދި ތިން ދިވެހިންގެ ތެރެއިން 2 މީހުންނަކީ އަންހެނުންނެވެ.
ޕޮޒިޓިވް މިކޭސްއާއި ގުޅިގެން ހިތަދޫ މޮނީޓަރިންގެ ހާލަތަށް ގެނަނަމވެސް އިއްޔެގެ ވަގުތެއްގައި އެޗްޕީއޭއިންވަނީ ހިތަދޫގެ މޮނީޓަރިންގެ ހާލަތު އުވާލައި، އަޅާފައިވާ ފިޔަވަޅުތައް ވެސް އުވާލާފައެވެ.
ރާއްޖެއިން މިހާތަނަށް 5157 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މި ބަލީގައި މިއަދު ނިޔާވި މީހާއާއިއެކު 20 މީހުން މިހާތަނަށް ރާއްޖެއިން މި ބަލީގައި ނިޔާވެފައިވާއިރު މި ބަލިން ރަނގަޅުވެފައި ވަނީ 2831 މީހުންނެވެ. މިވަގުތު މި ބަލި ޖެހިފައިވާ 2307 މީހުން ތިބިއިރު 145 މީހަކަށް ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.
މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކުގެ ބައެއް ރަށްރަށުންވެސް މިހާރު ކޮވިޑަށް މީހުން ޕޮޒިޓިވް ވަމުން އަންނައިރު، އޭގެތެރޭގައި ހިމެނެނީ ހއ. އިހަވަންދޫ، ހއ. ކެލާ، ހއ. ފިއްލަދޫ، ހދ. ނައިވައިދޫ، ރ. ހުޅުދުއްފާރު، ބ. ކަމަދޫ، ބ. ކުޑަރިކިލު، ޅ. ހިންނަވަރު، ކ. މާފުށި، ވ. ފުލިދޫ، ފުވައްމުލަށް އަދި އައްޑޫ ހިތަދޫ ހިމެނެއެވެ. އަދި އަތޮޅުތަކުން ކޮވިޑްގެ ގިނަ ކޭސްތައް ފެނިފައިވަނީ ރަށްރަށުގެ ހޯމް ކަރަންޓީނުގައި ތިބި މީހުންގެ ކިބައިންނެވެ.



