ރައީސް ޔާމީން މިއަދު ކޯޓަށް ގެންދިއުމަށް މާލެ ގެންނަނީ | ފޮޓޯ : މިހާރު

ޔާމީން ދަޢުލަތަށް ދައްކަން ހުކުމްކުރި 5 މިލިއަން ޑޮލަރު ނަގައިދިނުމަށް އޭޖީން މީރާގައި އެދެފި

ޔާމީން ދަޢުލަތަށް ދައްކަން ހުކުމްކުރި 5 މިލިއަން ޑޮލަރު ނަގައިދިނުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މީރާގައި އެދެފި އެވެ.

އޭޖީ އޮފީހުން ދެންމެ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މަނީ ލޯންޑްރިންގގެ ޢަމަލެއް ހިންގުމުގެ ކުށް ސާބިތުވެފައިވާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދައުލަތަށް ދައްކަންޖެހޭ ފައިސާއާ ގުޅޭ ކްރިމިނަލް ކޯޓުގެ ނަންބަރު 60/Cr-C/2019 ޤަޟިއްޔާއިން، މަނީ ލޯންޑްރިންގގެ ޢަމަލެއް ހިންގުމުގެ ކުށުން، މއ. ކާމިނީހުޅަނގުގެ، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، އެ ކުށުގެ ޢުޤޫބާތެއްގެ ގޮތުން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު 5 މިލިއަން ޔޫއެސް ޑޮލަރުން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

އެ ފައިސާ މަދުވެގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް އެ ފަރާތަށް އަންގައި، 28 ނޮވެންބަރު 2019 ގައި ޙުކުމްކޮށްފައިވީ ނަމަވެސް، އެ މުއްދަތުގެތެރޭގައި ޔާމީންގެ ފަރާތުން އެ ފައިސާ ދައްކާފައިނުވާ ކަމަށްވެސް އެބަޔާނުގައި ވަނީ ބުނެފައެވެ.

ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު ގެ 50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލާ އެއްގޮތަށް، ޔާމީން ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ހޯދުމަށްޓަކައި، އެ މައްސަލައިގެ އެންމެހައި ލިޔެކިޔުންތައް މީރާއަށް އިއްޔެ ފޮނުވާފައިވާނެ ކަމަށްވެސް އޭޖީ އޮފީހުން ނެރެފައިވާ ބަޔާނުގައި ވަނީ ބުނެފައެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގެ 188 ވަނަ މާއްދާގެ (ހ) ގައި، ދަޢުވާލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވެގެން ކޯޓުން އޭނާގެ މައްޗަށް ކުރި ޙުކުމުގައިވާ އަދަބަކީ ޖޫރިމަނާކުރުން ކަމުގައިވާނަމަ، އެ ޙުކުމުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މީރާއަށް އެ މީހަކު އެ ޖޫރިމަނާ ދައްކަންވާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ.

އެ މާއްދާގެ (ނ) ގައި، އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ޖޫރިމަނާ ނުދައްކައިފިނަމަ، ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުން އެ ފައިސާ ހޯދުމަށް ދައުލަތުގެ ކަމާބެހޭ ފަރާތުން ޢަމަލުކުރާ އުޞޫލުން އެ ފައިސާ ދައުލަތަށް ނަގަންވާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ.

ފައިސާ ދައްކަން ކޯޓުން އަމުރުކޮށްފައިވާ މުއްދަތުގައި އެ ފައިސާ ދައްކާފައިނުވާނަމަ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލާ އެއްގޮތަށް ދައްކަންޖެހޭ ފައިސާ ހޯދާ ޙުކުމް ތަންފީޒުކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމަކީ މީރާގެ މަސްޢޫލިއްޔަތެއްކަމުގައި ވާތީ، އެކަން މީރާ އާއި ހިއްސާކުރެވިފައިވާނެ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
32
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ