"އަވަސް" އޮންލައިންގެ ޗީފް އެޑިޓަރު އަދި ރާއްޖޭގެ މަޝްހޫރު އެއް ނޫސްވެރިޔާ މުންޑޫ އާދަމް ހަލީމަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތުތައް ފުލުހުން ބަލަން ފަށައިފިއެވެ.
މުންޑޫ އާދަމް ހަލީލުގެ މައްސަލަ ބަލަން ފަށައިފައިވާކަން ހާމަކޮށް ފުލުހުން މިރޭ ބުނެފައިވަނީ، އޮންލައިން ނޫހެއްގެ އިސްމީހެއްގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުކޮށް ނޫސްވެރިންތަކެއް ހުށަހަޅައިފައިވާ ޕެޓިޝަނެއް ލިބިފައިވާ ކަމަށާއި މި ޕެޓިޝަނުގައި ތުހުމަތުކުރާ ކަންތައްތަކާ ގުޅޭގޮތުން ފުލުހުން ބަލަންޖެހޭ ކަންކަންދަނީ ބަލަމުން ކަމަށެވެ.
މިނޫހަށް މައުލޫމާތު ލިބޭގޮތުގައި، މި ޕެޓިޝަންގައި 19 މީޑިއާއަކުން 73 ނޫސްވެރިއަކު ސޮއިކޮށްފައި ވެއެވެ. އަދި މި ޕެޓިޝަންވަނީ ރައީސް އޮފީހަށާއި މޯލްޑިވްސް މީޑިއާ ކައުންސިލަށާއި ޖެންޑަ މިނިސްޓްރީއަށާއި އަދި ހޯމް މިނިސްޓްރީ އަށްވެސް ހުށަހަޅައިފައެވެ.
ގިނައަދަދެއްގެ ނޫސްވެރިން މުންޑޫ އާދަމް ހަލީލުގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތު ކޮށްފައިވާއިރު، އޭނާ ވީޓީވީގައި މަސައްކަތް ކުރަމުން ދިޔައިރު، އެ ޓީވީގެ އަންހެން މުވައްޒަފެއްގެ ގަޔަށް އަތްލައި، އަނިޔާ ކުރާ ވީޑިއޯއެއްވެސް މީގެކުރިންވަނީ އާންމުވެފައެވެ.
މިމައްސަލައާއި ގުޅިގެން، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިންވެސްވަނީ މައްސަލަ އަވަހަށް ތަހުގީގުކޮށްދިނުމަށް ފުލުހާއި ޖެންޑާ މިނިސްޓްރީގައި އެދިފައެވެ.



