އައްޑޫ ސިޓީ އިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހެއް ނެގެޓިވް ވެއްޖެއެވެ.
އެމީހާ ނެގެޓިވް ވެފައިވަނީ މާލެ އިން ޓެސްޓް ކުރުމުންނެވެ. އެމީހާ އަކީ ފުރަބަންދު ކަރަންޓީނު ގައި ހުރި 21 އަހަރުގެ އަންހެނެކެވެ. އެމީހާ ޕޮޒިޓިވް ވެފައިވަނީ ކަރަންޓީންގެ މުއްދަތު ހަމަކުރުމަށްފަހު ކުރި ޓެސްޓުންނެވެ. ނަމަވެސް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން މިއަދު ވިދާޅުވެފައިވަނީ އެމީހާ މާލެ އިން ޓެސްޓް ކުރުމުން މި ބައްޔަށް ނެގެޓިވް ވެފައިވާކަމަށެވެ.
އައްޑު ސިޓީގައި މިހާތަނަށް މި ބައްޔަށް 3 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެއީ ދެ ދިވެހިންނާއި ބަންގްލަދޭޝް މީހެކެވެ. މި އެންމެންނަކީވެސް ހޯމް ކަރަންޓީންގައި އައްޑޫ ސިޓީގައި ހުރި މީހުންނެވެ.
އައްޑޫ ސިޓީގެ އިތުރުން ރާއްޖޭގެ ގިނަ ރައްތަކަކުންވެސް ވަނީ މި ބައްޔަށް މީހުން ޕޮޒިޓިވް ވެފައެވެ. އެގޮތުން މިހާރު މި ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުން އަތޮޅު ތެރޭގެ 15 ރަށެއްގައި އެބަތިއްބެވެ.
ރާއްޖޭގައި މިހާތަނަށް 5500 އަށް ވުރެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، އޭގެ ތެރެއިން 22 މީހަކު ވަނީ ނިޔާވެފައެވެ.




