2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބާ ގުޅުންހުރި، ސީރިއަސް ވާހަކަތަކެއް ފުރަތަމަ ފަހަރަށް އެ ކޮމިޝަނުގެ މެންބަރު އަޙްމަދު އަކްރަމް މީޑިއާއަށް ތިލަކޮށްދެއްވައިފިއެވެ.
ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަދި އެ ކޮމިޝަނުގެ ތަރުޖަމާނު އަޙްމަދު އަކްރަމް ވިދާޅުވީ، އެ ދުވަސްތަކުގެ ތެރޭގައި އީސީގެ ބައެއް މުވައްޒަފުން "ހައިޖެކްކޮށްގެން" އެކި ދިމަދިމާލަށް ގެންގޮސްފައިވާ ކަމަށާއި، އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާންކޮށް ދާއިމީ ނަތީޖާ އިއުލާން ކުރުމާ ދޭތެރޭގައި އީސީގެ މެންބަރުން ކޮޓަރިއެއް ތެރޭގައި ހަތަރު ދުވަހު ތިބެން ޖެހެނު ކަމަށެވެ.
"އިލެކްޝަންސް ކޮމިޝަން ތެރޭގައި އަޅުގަނޑުމެން ތިބިން ހަތަރު ދުވަސް. ކޮމިޝަންގެ އެ އިންނަ ރޫމެއް ތެރޭގައި އަޅުގަނޑުމެން ތިބިން ހަތަރުދުވަސް ވަންދެން," ރާއްޖެ ޓީވީގެ "ފަލަޝުރުހީ" ޕްރޮގްރާމްގައި އަކްރަމް ވިދާޅުވިއެވެ.
އަކްރަމް ވިދާޅުވީ، އެ ދުވަސްތަކުގައި ވޯޓް ކަރުދާސްތައް އީސީގައި ހުރުމުން ފުލުހުން އެ އިމާރާތުގައި ފޯރި މަރަމުން ދިޔަ ކަމަށާއި ފުލުހުންނަށް އެ ބޭފުޅުން ތިއްބެވި ކޮޓަރި އެނގޭނެ ކަމަށެވެ. ނަމަވެސް އެ ކޮޓަރި ފިޔަވާ އެހެން ހުރިހާ ކޮޓަރިއަކަށް ތިން ފަހަރެއްގެ މަތިން ފުލުހުން ވަދެ އެބޭފުޅުން ހޯދަން އުޅުނުކަކަމަށް އަކްރަމް ވިދާޅުވިއެވެ.
އީސީގެ މުވައްޒަފަކަށް ވަޅިން ބިރުދެއްކި ކަމަށާއި، އީސީގެ މުވައްޒަފުންނަށް ހެދިގެން އުޅުނު ބަޔަކު އެ ކޮމިޝަންގެ މުވައްޒަފުންތަކަކަށް ގުޅައި، ވަކިން ކާރަކަށް އަރުވައިގެން ގެންގޮސް ބިރު ދައްކައި ބަޔާން ނަގާފައި ހުރި ކަމަށާއި، ބައެއް މުވައްޒަފުންނަށް ބޮޑެތި އަދަދުތަކުން ފައިސާ ހުށަހަޅައިގެން ބަޔާން ނަގަން މަސައްކަތް ކުރި ކަމަށް އަކްރަމް ވިދާޅުވިއެވެ.
އަކްރަމް ވިދާޅުވީ އިންތިޚާބެއް ނިމިގެން ދިޔައިރު، ފުލުހުން ސެކިއުރިޓީ ދިން ކަމަށާއި ނަމަވެސް އެ ލެވެލްއަށް ސެކިއުރިޓީ ނުބަލަހައްޓާ ކަމަށެވެ. އަދި ސިފައިންގެ ހަށިފާރަވެރިންގެ ރައްކާތެރިކަން އިންތިހާބުގައި ލިބިވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވިއެވެ.
ބައެއް ދުވަސް ތަކުގައި ގެއަށް ވަޑައިގަންނަވާއިރު ގޭ ދޮރުމަތީ އެސްއޯ ފުލުހުންގެ ހަތް މީހުން ތިބޭ ކަމަށާއި ފުލުހުންނަށް ގުޅުމުން ބުނަނީ އެއީ ސެކިއުރިޓީ ބަލަހައްޓާ މީހުން ކަމަށް ބުނާ ކަމަށް އޭނާ ވިދާޅުވިއެވެ. ޚާއްސަ ގޮތެއްގައި އީސީގެ މެންބަރުންނަށް އޭރު ބިރުވެރިކަން އިތުރުވެގެން ދިޔަ ކަމަށާއި ފުރައިގެން ރާއްޖެއިން ބޭރަށް ދާން ޖެހުނީ އެކަމުގެ ސަބަބުން ކަމަށް އަކްރަމް ވިދާޅުވިއެވެ.
އަކްރަމް ވިދާޅުވީ ރިޔާސީ އިންތިހާބަށްފަހު ދިމާވި ކަންތައްތަކަކީ އޭނާގެ ހަޔާތުގައި މިހާތަނަށް އައި ދުވަސްތަކުގެ ތެރޭގައި ދިމާވި އެންމެ ބިރުވެރި ނާމާން ދުވަސްތައް ކަމަށާއި، ނަމަވެސް އެ ދުވަސްވަރު އެ ވާހަކަ ނުދެއްކެވީ ރައްޔިތުންނަށް އިތުރު ނުތަނަވަސް ކަމެއް ނުދިނުމަށް ކަމަށެވެ.
ހިޔާލު
ކިތަންމެ މޮޅުވާހަކައެއް ދެއްކިޔަސް ރިޝްވަތުނަގައިގެން ކޮޅުބަދަލުކުރި ބައެއްކަމަށް އަހަރެމެން އެމްޑީޕީ މެމްބަރުންވެސް ޤަބޫލުކުރަނީ. އެމްޑީޕީއިން މިމީހުންނަށް ފާރަވެރިވާންޖެހޭނެ. އެހެންނޫނީ ހަމަ މިކަން ތަކުރާރުކުރާނެ.
ކޮމެންޓް ކުރުން ބަންދު