ސީރިއާގައި ހަރަކާތްތެރިވާ ދިވެހި ހަނގުރާމަވެރިޔަކު ޖާނުން ފިދާވެގެން ސީރިއާގައި ކާރު ބޮމުގެ ހަމަލާއެއް ދީފިކަމަށް ސީރިއާގެ ނޫސްތަކުން ބުނެފިއެވެ.
ކަފްރް ނަބުދާހް ނަމަކަށް ކިޔާ އަވަށަކަށް މިހަމަލާ ދިނީ ސީރިއާ އަށް ދިޔަ ގިނަ ދިވެހިން އުޅުނު ކަމަށް ބެލެވޭ ތަހްރީރް އަލް-ޝާމް ޖަމާޢަތަކާއި ނޭޝަނަލް ލިބަރޭޝަން ފްރަންޓް ޖަމާޢަތުންނެވެ.
ސީރިއާ ސިފައިން ބުނެފައިވަނީ، ސީރިއާގައި ހަރަކާތްތެރިވާ ދިވެއްސެއް ކަމަށްވާ އަބޫ ސަރަހް ނަމަކަށް ކިޔާ ހަނގުރާމަވެރިޔަކު ބޮން ހަރުކޮށްފައި އޮތް ކާރެއްގައި ކަފްރް ނަބުދާހް އަވަށަށް ވަންނަން މަސައްކަތް ކޮށްފައިވާ ކަމަށާއި، ނަމަވެސް ސިފައިންނަށް އޭނާ ދުއްވަން އިން ކާރާއި މެދު ޝައްކު އުފެދުމުން ކާރު ހުއްޓުވަން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ކާރު ހުއްޓުވަން މަސައްކަތް ކުރަން ފެށުމުން އަމާޒަށް ދެވުމުގެ ކުރިން އަބޫ ސަރަހް ކާރު ގޮއްވާލާފައިވާކަމަށްވެސް ސީރިއާ ސިފައިން ބުނެފައިވެއެވެ.
މިހަމަލާގައި ދިވެހި މީހާގެ އިތުރުން އިތުރު މީހަކު މަރުވި ކަމަށް ނޫސްތަކުން ރިޕޯޓް ކޮށްފައެއް ނުވެއެވެ.
ސީރިއާގެ ރައީސް ބައްޝާރުލް އަސަދަށް ވަފާތެރި ސިފައިންނާއި ހަވާލާދީ ސީރިއާގެ މީޑިއާތަކުން ބުނާ ގޮތުގައި މިހަމަލާ ދީފައި ވަނީ ސީރިއާގެ ހުޅަނގު އުތުރުގައި އޮންނަ ހަމާ ޕްރޮވިންސްގައެވެ. ދިވެއްސަކު ބޮމެއް ގޮއްވާލައިގެން ހަމަލާއެއް ދިނުމުގެ އިތުރުން އެޕްރޮވިންސްގެ އަވަށަކަށް ވަންނަން ހަނގުރާމަވެރިންތަކެއް ވަނީ މަސައްކަތް ކޮށްފައެވެ.
ހަނގުރާމަވެރިންތަކެއް އެއަވަށަށް ވަންނަން މަސައްކަތް ކުރުމުން ސިފައިން ހުރަސް އަޅާފައިވާއިރު، ސިފައިން ހުރަސް އެޅުމުން ބަދަލު ކުރި ހަމަލާތަކުގައި ހަނގުރާމަވެރިންގެ ދިހަ މީހަކު މަރުވި ކަމަށް ސީރިއާ އިން ބުނެއެވެ.
މަރުވި މީހުންގެ ތެރޭގައި ސީރިއާ ނޫން ގައުމުތަކަށް ނިސްބަތްވާ މީހުން ވެސް ހިމެނެއެވެ. ނަމަވެސް އެމީހުންގެ ގައުމުތަކުގެ ތަފްސީލެއް މީޑިއާތަކުން ހާމަކޮށްފައެއް ނުވެއެވެ.
ރަމަޟާން މަހުގެ 2 ވަނަ ދުވަހު ވެސް ސީރިއާގައި ދިވެއްސަކު މަރުވެފައި ވެއެވެ. އެއީ ވެސް ބިލާދުއްޝާމް ޖަމާޢަތަށް ނިސްބަތްވާ ހަނގުރާމަވެރިއެކެވެ.




ހިޔާލު
Nooneyvaa thimeehun
gennanvee adhives