އަބްދުﷲ ޔާމީންގެ ވަކީލުންނާއި ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މި ސަރވިސްގެ މައްޗަށް މިހާތަނަށް އެއްވެސް ކޯޓަކުން އަމުރުކޮށްފައިނުވާކަމަށް މޯލްޑިވްސް ކެރެކްޝަނަލް ސަރވިސް އިން ބުނެފިއެވެ.
ކަރެކްޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ޔާމީނުގެ ވަކީލުންނާއި ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މި ސަރވިސްގެ މައްޗަށް މިހާތަނަށް އެއްވެސް ކޯޓަކުން އަމުރުކޮށްފައިނުވާކަމަށާއި، އެހެންނަމަވެސް، ވަކީލުންގެ ފަރާތުން ހޯދަންޖެހޭ އެހީތެރިކަން ހޯދުމަށް ޔާމީނުގެ ވަކީލުންނާއި އެކަހެރިކޮށް ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ކްރިމިނަލް ކޯޓުން އެދިފައިވާކަމަށެވެ.
މީގެކުރިންވެސް ބައްދަލުވުން ހަމަޖައްސައިދީ ޖަލަށް ވަޑައިގަތުމުން، ބައްދަލުކުރެވޭނެކަމަށް އެފަރާތުގެ ޤާނޫނީ ވަކީލުނަނަށް މި ސަރވިސްއިން އެދިފައިވާކަނެކަމަށް ކަރެކްޝަން އިން ވިދާޅުވިއެވެ.
އަހަރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުން އަންނަ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއަށް އެމަނިކުފާނުގެ ވަކީލުންނާއި ބައްދަލުކުރުމަށް ހުރަސްއަޅާފައިވާކަމަށް ޔާމީންގެ ޤާނޫނީ ވަކީލު ޓީމުން ވަނީ މިދިޔަ މަހު ނޫސްބަޔާނެއް ނެރިފައެވެ. އެ ނޫސް ބަޔާނުގައި ވިދާޅުވެފައި ވަނީ މާޗު މަހުގެ ފަހުކޮޅުން ފެށިގެން، ރައީސް ޔާމީން އަށް ވަކީލުންނާ ބައްދަލުކުރައްވައި، ގާނޫނީ ލަފާ ހޯއްދެވުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ހުރަސް އަޅަމުން ގެންދާ ކަމަށެވެ.
ކަރެކްޝަނުން މިއަދު ނެރުނު ނޫސްބަޔާނުގައި ވިދާޅުވީ، މި ސަރވިސްއިން ބައްދަލުވުމަށް ހުރަސްއަޅާކަމަށާއި، ކްރިމިނަލް ކޯޓުން މި ސަރވިސްގެ މައްޗަށް އަމުރުކުރިކަމަށްބުނެ ހަޤީގަތް އޮޅޭފަދަ ގޮތަކަށް މައުލޫމާތު ފެތުރުމަކީ ކަންބޮޑުވާކަމެއް ކަަމަށެވެ.