ފޮޓޯ: މަޖިލިސް ގެލެރީ

މަޖިލީހުގެ އިމްތިޔާޒަށް އަމީން އަރައިގަނެފައިވާ ކަމަށް ބުނެ މައްސަލަ ބަލަނީ

ރައްޔިތުން މަޖިލީހުގައި ކޮވިޑް-19 އަށް ފަރުވާ ކުރުމަށް ބޭނުންވާ ވެންޓިލޭޓަރ ގެނައުމުގެ މައުލޫމާތު ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ދެއްވިއިރު އެ މައުލޫމާތުތަކުގެ ސައްހަ ކަމާ މެދު ސުވާލު އުފެދިފައިވާތީ އޭނާ މަޖިލީހުގެ އިމްތިޔާޒުތަކަށް އަރައިގަނެފައިވާ ކަމަށް ބެލެވޭ މައްސަލަ ކޮމިޓީން ބަލަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފިއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މުހައްމަދު ނަޝީދު ވިދާޅުވީ ދުބާއީގެ "އެގްޒެކިއުޓާރޒް ޖެނެރަލް ޓްރޭޑިންގް" އަށް ހަވާލުކުރީ ޑަބްލިއުއެޗްއޯ މެދުވެރިކޮށް ކަމަށް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވި ނަމަވެސް މިކަން ހިނގައި ދިޔައީ އެގޮތައް ނޫން ކަން އޮޑިޓަ ޖެނެރަލްގެ އޮޑިޓް ރިޕޯޓް އިން ހާމަވާ ކަމަށެވެ.

ނަޝީދު އިތުރަށް ވިދާޅުވީ މިކަމުން ހާމަވަނީ މަޖިލީހުގެ އިމްތިޔާޒަށް އަމީން އަރައިގަނެފައިވާ ކަމަށާއި އެހެންކަމުން މިކަން އިމްތިޔާޒު ކޮމިޓީން ބަލައިދިނުމަށް އެދިވަޑައިގެންނެވިއެވެ.

ކޮވިޑާއި ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމުގައި އެގްޒެކިއު ޓާރސް ޖެނެރަލް ޓްރޭޑިންގ (ޑުބާއީ) މެދުވެރިކޮށް ހޯދި 75 ވެންޓިލޭޓަރު ހޯދުމަށްކުރި މުޢާމަލާތު ގައްޔާއި، މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ހޯދި 50 ވެންޓިލޭޓަރު ހޯދުމަށްކުރި މުޢާމަލާތުގެ އިތުރުން ނާޑު ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް 20 ވެންޓިލޭޓަރު ހޯދުމަށް ކުރި މުޢާމަލާތާތުގައިވެސް ގޯސްތަކެއް ހުރިކަން އޮޑިޓް ރިޕޯރޓުންވަނީ ފާހަގަކޮށްފައެވެ.

އަދި ވެންޓިލޭޓަރުތައް ގަތުމުގައި ދުބާއީގެ ކުންފުންޏަކާ 75 ވެންޓިލޭޓަރުގެ ގެންނަން ހަވާލުކުރީ ޑަބްލިއުއެޗްއޯގެ ލަފައާ އެކު ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވިޔަސް އެ ކުންފުންޏާ އެކު ހިންގާފައިވާ މުއާމަލާތަކީ މުޅިން ވެސް މަކަރާއި ހީލަތްކަންވެސް އޮޑިޓް ރިޕޯޓުންވަނީ ހާމަވެފައެވެ.

ކޮވިޑް-19 އާ ގުޅިގެން ހެލްތް މިނިސްޓްރީން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓު އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާއިރު، އެ ރިޕޯޓުގައި ހުރި ކޮރަޕްޝަނަށް ތުހުމަތުކުރެވޭ މައްސަލަތައް ތަހުގީގުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެންޓިކޮރަޕްޝަން ކޮމިޝަނާއި ފުލުހުންނަށް އަންގައިފައެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ