އައްޑޫ ސިޓީއަށް 5 އަސް ގެނައުމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ހުއްދަދީފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު މަޖިލީހުގެ ރިޔާސަތުގައި ހުންނަވައި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ އައްޑޫ އަށް ޒުވާނަކު ފަސް އަސް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި މި އަސްތަކާއި ގުޅޭ ހުރިހާ ސެޓްފިކެޓެއް މިހާރު އެގްރިކަލްޗަރ މިނިސްޓްރީން ހައްދަވައި ނިންމަވާފައިވާ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އަހުގެ ހިދުމަތް ހުރިހާ ރައްޔިތުންނަށާއި ފަތުރުވެރިންނަށް ލިބިގެންދާނެ ކަމަށް ދެކިވަޑައި ގަންނަވާ ކަމަށެވެ. "ހިދުމަތޭ މި ދެންނެވީ އަސް ރިކްރިއޭޝަނަށް ދުއްވޭނެ، ކުޅިވަރަށް ދުއްވޭނެ" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެ ކަމުގައި އުޅުއްވާ ދެތިން ޒުވާނަކު އެމަނިކުފާނަށް އެމީހުންގެ މުޅި ޕްރޮޖެކްޓު ރޭވިފައިވާގޮތް ކިޔައިދިން ކަމަށާއި އެމަނިކުފާނަށް ފެނުނީ މިއީ އަޖުމަ ބަލަން ވަރަށް ރަނގަޅު އަދި ޝައުޤުވެރި ކަމެއްގެ ގޮތުގައި ކަމަށެވެ..
މައުލޫމާތު ލިބިފައިވާ ގޮތުގައި މި އަސްތައް ރާއްޖެ ގެންނަނީ އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އެނިމަލް ބޯޑުގެ ނަގަންޖެހޭ ހުއްދަ ނަގައިގެންނެވެ. އަދި އެތަކެތި ބަލަހައްޓާނެ އެކަށީގެންވާ ތަނެއްވެސް ހަމަޖައްސަވާނެ ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.
މީގެ ކުރިން ރާއްޖޭގެ ބައެއް ރިސޯޓު ތަކަށް އަސް ގެނައި ނަމަވެސް މިހާތަނަށް މީހުން ދިރިއުޅޭ ރަށްތަކަށް އަސް ގެނަސްފައި ނުވެއެވެ.




