އައްޑޫ ސިޓީގައި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް އެދެވޭނެ ސަރަޙައްދުތައް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ވިދާޅުވީ، އައްޑޫ ސިޓީގައި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް އެދެވޭނެ ސަރަޙައްދުތައް ކަނޑައަޅާފައިވަނީ، ސައިހޮޓަލާއި ރެސްޓޯރަންޓް ހިންގުމުގެ ގަވާއިދާއި، ކެންޓީނާބެހޭ ގަވާއިދު އަދި އިމްޕޯޓް މުދަލުގެ ވިޔަފާރިކުރުމުގެ ގަވާއިދުގެ ދަށުންކަމަށެވެ.
އެގޮތުން 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް އައްޑޫ ސިޓީގައި ހިތަދޫއިން ތިން ސަރަހައްދެއް ކަނޑައަޅާފައިވާއިރު މަރަދޫއިން ދެ ސަރަހައްދު ވަނީ ކަނޑައަޅާފައެވެ. އަދި މަރަދޫފޭދޫއިން އެއް ސަރަހައްދު ކަނޑައަޅާފައިވާއިރު ފޭދޫއިން ވަނީ ދެ ސަރަހައްދު ކަނޑައަޅާފައި. މީގެއިތުރުން ހުޅުދޫއިން ދެ ސަރަހައްދު ކަނޑައަޅާފައިވާއިރު މީދޫއިން ތިން ސަރަހައްދެއް 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދައަށް ވަނީ ކަނޑައަޅާފައެވެ.
24ގަޑިއިރު ވިޔަފާރި ކުރުމުގެ ކަނޑައަޅާފައިވާ ސަރަޙައްދު:
- ހިތަދޫ – ހިތަދޫ ބަނދަރު ސަރަޙައްދު، ހިތަދޫ ޒިޔާރަތް ފަންނު ސަރަހައްދު، ރީޖަނަލް ހޮސްޕިޓަލް ސަރަހައްދު
- މަރަދޫ – މަރަދޫ ބަނދަރު ސަރަހައްދު، މަރަދޫ ސިއްޙީ މަރުކަޒު ސަރަހައްދު
- މަރަދޫފޭދޫ – މަރަދޫފޭދޫ ބަނދަރު ސަރަހައްދު
- ފޭދޫ – ފޭދޫ ބަނދަރު ސަރަހައްދު، ފޭދޫ ސިއްޙީ މަރުކަޒު ސަރަހައްދު
- ހުޅުދޫ – ހުޅުދޫ ބަނދަރު ސަރަހައްދު، ހެރެތެރެ ޗެނަލް ސަރަހައްދު
- މީދޫ – މީދޫ ބަނދަރު ސަރަހައްދު، ހުޅުމީދޫ ސިއްޙީ މަރުކަޒު ސަރަހައްދު، ހުޅުމީދޫ މެދު ބަނދަރު ސަރަހައްދު
އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، އައްޑޫގައި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފޯމު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށާއި، އެސަރަހައްދުތަކުގައި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް އެދި ހުށަހަޅާނީ، އައްޑޫ ސިޓީގެ އަވަށު އޮފީސްތަކަށް ކަމަށެވެ.
24 ގަޑިއިރު ވިޔަފާރިކުމުގެ ހުއްދަ ދޫކުރާ ތަންތަނުގެ ތެރެއިން، އިމްޕޯޓްމުދަލުގެ ވިޔަފާރިކުރާ ތަންތަނުން ވިއްކޭނީ ހަމައެކަނި ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންކުރާ ތަކެއްޗެވެ. އަދި 24 ގަޑިއިރު ވިޔަފާރިކުމުގެ ހުއްދަ ދޫކުރެވޭނީ، ހުއްދައަށް އެދޭ ތަނުގައި ފުރިހަމަވާންޖެހޭ ޝަރުތުތައް ފުރިހަމަވޭތޯ ބަލައި ޗެކްކުރުމަށް ފަހުއެވެ.
24ގަޑިއިރު ވިޔަފާރިކުރާ ފަރާތްތަކުން، ނަމާދު ވަގުތުތަކަށް ތަން ބަންދުކުރުން ފިޔަވައި، އެހެން ހުރިހާ ވަގުތެއްގައި، ވިޔަފާރިކުރަން އަންނަ ފަރާތްތަކަށް ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައި ބަހައްޓަން ޖެހެއެވެ.



