ފޮރިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ހާމަވީ ރައީސްގެ ‘ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް’ ސިޔާސަތަށް މުވައްޒަފުން އިޖާބަދޭކަން: ޝާހިދު

ފޮރިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ހާމަވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ‘ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް’ ސިޔާސަތަށް މުވައްޒަފުން އިޖާބަދޭކަން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވެފައި މިވަނީ ކޮވިޑް-19 އާ ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން ކުރި ހަރަދުތަކަކީ މައިގަނޑު ގޮތެއްގައި އުސޫލުތަކާއި އެއްގޮތަށް ރަނގަޅަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް އޮޑިޓް ރިޕޯޓުގައި ބުނުމާއި ގުޅިގެންނެވެ.

ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޚުވީ ކޮވިޑް-19 އާ ގުޅިގެން 1 ޖަނަވަރީ 2020 އިން 30 ޖޫން 2020 ގެ ނިޔަލަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން ކުރި ޚަރަދުތަކަކީ މައިގަނޑު ގޮތެއްގައި ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި، ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދާއި، މިނިސްޓްރީ އޮފް ފިނޭންސުން ކަނޑައަޅުއްވާފައިވާ އުޞޫލުތަކާއި އަދި ޚަރަދު ކުރުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އެކުލަވާލާފައިވާ އުޞޫލުތަކާއި އެއްގޮތަށް ކޮށްފައިވާ ޚަރަދުތަކެއް ކަމަށް އޮޑިޓް އޮފީހުންކުރެއްވި ފޮރިން މިނިސްޓްރީ ގެ އޯޑިޓަށްފަހު ނެރުއްވި ރިޕޯޓްގައި ކަނޑައަޅާފައިވާތީ މިނިސްޓްރީގެ ވެރިންނާއި، ހުރިހާ މުވައްޒަފުންނާއި، އަދި ރާއްޖެއިން ބޭރުގައި ހުރި ދިވެހި ޑޕްލޮމެޓިކް މިޝަންތަކުގައި ތިއްބެވި ސަފީރުންނާ މުވައްޒަފުންނަށް މުބާރަކްބާދީއާއި ޝުކުރު ދަންނަވާ ކަމަށެވެ.

މިއީ މުއައްޒަފުންގެ ބުރަމަސައްކަތުން ހާސިލުވި ކާމިޔާބީ އެއް ކަމަށާއި މި އޮޑިޓް ރިޕޯޓުން ސާބިތުވެގެން ދިޔައީ މުޅި ދުނިޔެ ކޮވިޑްގެ ނުރައްކަލާއި ކުރިމަތިލައި، ޤައުމުތައް ފުރަބަންދަށް ގޮސް، ބޯޑަރުތައް ބަންދުކުރުމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވި ބޮޑެތި ދަތިތައް ހައްލުކުރުމުގަޔާއި، ރާއްޖެއިން ބޭރުގައި ޙާލުގައި ޖެހުނު ދިވެހިން ރާއްޖެ އަނބުރާ ގެނައުމުގައި އެހީތެރިވެދިނުމުގައާއި ރާއްޖެއަށް ބޭނުންވާ އަސާސީ ކާޑާ ހަކަތައިގެ ބާވަތްތަކާއި ބޭހާ އެނޫންވެސް ޒަރޫރީތަކެތި ހުސްނުވެ ރާއްޖެއަށް ލިބޭނޭ މަގު ފަހިކޮށް ދިނުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ ލަފާފުޅާ އިރުޝާދުގެ ދަށުން ފޮރިން ސާރވިސްގެ އެންމެހާ މުވައްޒަފުން ރެޔާ ދުވާލު ކުރެއްވި ބުރަ މަސައްކަތް ކުރެއްވުމުގައި އެންމެ އިސްކަމެއް ދެއްވީ ތެދުވެރިކަމާ، އަމާނާތްތެރިކަމާ، ނަޒާހަތްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތްކުރުމަށް ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ "ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް" ސިޔާސަތަށް ޢަމަލާއި ބަހުން ފޮރިން ސާރވިސަސްގެ އެންމެހާ މުވައްޒަފުން އިޖާބަ ދެމުންދާ ކަން މި އޮޑިޓް ރިޕޯޓުން ސާބިތުވެގެން ދިޔަ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިންކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ވާގޮތުން ފޮރީން މިނިސްޓްރީ އިން ހަރަދުކުރުމަށް ކަނޑައަޅާފައިވާ ބަޖެޓަކީ، 10،150،923 ރުފިޔާއެވެ. އެގޮތުން މިހާތަނަށް އޭގެ ތެރެއިން 7,266,467 ރުފިޔާ ހަރަދުކޮށްފައިވާއިރު، ބާކީ ހުރީ 2،884،456 ރުފިޔާއެވެ.

މީގެކުރިން ތިން މިނިސްޓްރީއެއްގެ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ހާމަކޮށްފައިވާއިރު، އޭގެތެރެއިން ދެ މިނިސްޓްރީއެއްގެ ގިނަ ޚަރަދުތަކެއް ކަރަޕްޝަންއަށް މަގުފަހިވާގޮތަށް ހިންގާފައިވާކަންވަނީ ހާމަކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ